އަހުމަދު އަދީބުގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީޢަތް ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް، މި ދެ ދައުވާގެ ޝަރީޢަތް މިއަދަށް ތާވަލްކޮށްފިއެވެ.ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް މިމަހުގެ ފަނަރަ ވަނަ ދުވަހު ފޮނުވާފައިވާ މި ދެދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުން ތާވަލްކޮށްފައިވަނީ މާދަމާ  މެންދުރު ފަހު 2:00 އަށެވެ.މި ދެ ދައުވާއަކީ ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި ކުރާ ދެ ދައުވާއެވެ. އިތުރު ދެ ދައުވާއެއް އަދީބުގެ މައްޗަށް ކޮށްފައިވާއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް އުފުލާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން އަށް ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ނުވަ ދައުވާއަކީ ނުވަ ރަށެއް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައިކޮށްފައިވާ ދައުވާއެކެވެ. އަދީބުގެ މައްޗަށް އެ ނުވަ ދައުވާ ސާބިތުވެއްޖެ ނަމަ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް ތަފާތު ކުށްތައް ސާބިތުވުމާއި ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ