"މައުމޫން ވެރިކަން ދެމެހެއްޓީ ރައްޔިތުން ގުނބޯ ހައްދައިގެން"
ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 30 އަހަރު ވަންދެން ވެރިކަން ކުރެއްވީ ރައްޔިތުން "ގުނބޯ" ހައްދައިގެން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ދިމާވި ކޮންމެ ހާދިސާއަކުން މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާތަކެއް ހޯދުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. އޭނާ "ސަން" އަށް މިއަދު ވިދާޅުވީ 30 އަހަރުވަންދެން ރައީސް މައުމޫން ކުރެއްވި މަސައްކަތަށް ރައްޔިތުން ޝުކުރުވެރިވާ ކަމަށާއި ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ރައްޔިތުން ގުނބޯ ހައްދައިގެން ކަމަށެވެ. މީގެ 29 އަހަރު ކުރިން ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ވެސް މައުމޫން ކުޅުއްވި "ގޭމެއް" ގޮތަށް ސިފަކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެދުވަހު 19 ދިވެހިން ޝަހީދުކުރި ބާޣީންގެ މައްޗަށް އިއްވި މަރުގެ ހުކުމް ފަހުން ޖަލު ހުކުމަށް ބަދަލު ކުރި ކުރުމުން ވެސް އެކަން ދޭހަވާ ކަމަށެވެ. "ނޮވެމްބަރު ތިނެއްގައި ތަމަޅައިންގެ ތެރެއިން ގިނަ ބަޔަކު ސިފައިންގެ ބަޑިތަކުން މަރާލި. ހައްޔަރު ކުރި ގިނަ ބަޔަކަށް މަރުގެ ހުކުމް އިއްވި. އެ ކުރި ހުކުމް ރައީސް މައުމޫން މާފު ކޮށްދީ އުމުރަށް ޖަލަށްލީ. ސުވާލަކީ ކީއްވެތޯ އެހެން އެކަން ކުރެއްވީ. ކޮބާތޯ ޝަހީދުވި 19 ދިވެހިންގެ ހައްގު،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ރައީސް މައުމޫން އެ ފަހަރު ވެސް އަމިއްލަ ޒިންމާއިން ރެކިވަޑައިގެން ފިއްލެވިކަން ދިވެހިންނަށް އެނގޭ ކަމަށާއި އެ ދުވަހު ގައުމުގެ ކަންތައްތައް ހަރުދަނާ ކުރުމުގެ ބަދަލުގައި މަސައްކަތް ކުރެވީ އަމިއްލަފުޅު މަސްލަހަތު އިސްކުރުމަށް ކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ޖަލުގައި ހިނގި ކަން ކަމުގައި ވެސް އިސްކޮށް އުޅުނީ ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅިގެން ޖަލަށްލި ބާޣީން ކަމަށެވެ. އަދި އެފަހަރު ބަޑި ޖަހައި ދިވެހިންތަކަކަށް ގެއްލުން ލިބުނު އިރު އެކަން ވެސް އާހިރުގައި ނިމިގެން ދިޔައީ ރައީސް މައުމޫން ނުކުރައްވާ ކަމަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫން މިއަދު އިދިކޮޅު ސިޔާސީ މީހުންނާ ގުޅި ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އަމިއްލަ މަސްލަހަތުތަކެއް އެކަމުގައި އޮތްކަން ދޭހަވާ ކަމެއް ކަމަށާއި ދިވެހިންނާ މެދު ހެޔޮއެދޭ ނަމަ އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަަމަށެވެ. "ދިވެހިން ބޭނުން ވަނީ ތަރައްގީ، އެކަން ދިވެހިންނަށް އެބަ ޔަގީންވޭ، އަޅުގަނޑު ރައީސް މައުމޫން އަރިހުން އެދެނީ ދެން އިތުރަށް ދިވެހިން "ގުނބޯ" ނުހެއްދުމަށް. ދިވެހިން ބޭނުން ވަނީ ރައީސް ޔާމީނާ އެކު ކުރިއަށްދާން. ރައީސް މައުމޫންގެ އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސަތުތައް ދެން ބޭނުމެއް ނުވޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އޭނާ ރައީސް މައުމޫންގެ ވެރިކަމުގައި ކަން ހިނގި ގޮތަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އިރު ރައީސް މައުމޫން ގެންދަވަނީ ސިޔާސީ ޕޯޑިއަމްތަކުގައި ސަރުކާރުން ކަން ކުރަމުންދާ ގޮތާ މެދު ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ