"ރިޝްވަތުގެ މައްސަލަތައް ހިނގަނީ ސިޔާސީ މަގްސަދެއްގައި ކަން ގާޒީ ފާހަގަކުރެއްވި"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ފުލުހުން ތަހުގީގުކުރާ ރިޝްވަތާ ގުޅޭ މައްސަލަތައް ހިނގަނީ ސިޔާސީ މަގްސަދެއްގައި ކަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ފާހަގަ ކުރައްވާފައިވާ ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގާނޫނީ ވަކީލް މަސްތޫރު ހުސްނީ މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރު ސިނާން ހައްޔަރު ކުރީ ދުވަސްތަކެއް ވަންދެން ރާއްޖޭއިން ބޭރުގައި ހުންނެވުމަށް ފަހު އޭނާ މާލެ ވަޑައިގަތްތަނުންނެވެ. ސިނާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ކޯޓުންނެވެ.
ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަކީލު މަސްތޫރު ވިދާޅުވީ ސިނާން ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އެކަމަކު، މި މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ހުށަހެޅިގެން ހިނގާ މައްސަލައެއް ކަމާއި މި މައްސަލައިގައި ހުރި ހެކިތަކާއި އިޖުރާއުތަކަކީ ބާތިލް އިޖުރާއާތުތަކެއް ކަމަށް ފާހަގަކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި ގާޒީ ބަޔާންކޮށްފައިވާ ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ.
މަސްތޫރު ވިދާޅުވި ގޮތުގައި ސިނާން ރިޝްވަތު ނެގި ކަމަށް ހުށަހެޅި މައްސަލައިގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ސިނާން ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެކަމަކު، އިޖުރާއީ ގޮތުން ބޮޑެތި ހިލާފުތަކެއް ހުރި ކަމާއި މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމާ ބެހޭ އިޖުރާއަތުތަކާ ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަން ގާޒީ އަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްޠޫރު ވިދާޅުވީ ސިނާންއާ ގުޅޭ ގޮތުން ރަނގަޅު މައުލޫމާތުތަކެއް ދީފައި ނެތް ކަން ގާޒީ ފާހަގަ ކުރައްވާފައިވައިރު, އިރު، އެ މައްސަލައަކީ އަސާސެއް ނެތް މައްސަލައެއް ކަމާއި ހައްޔަރު ކުރުމާ ގުޅޭ އިޖުރާއަތުގައި ފުށުއެރުންތަކެއް ހުރި ކަމަށް ގާޒީ ފާހަނގަކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އިއްޔެ ރާއްޖެ ވަޑައިގަތުމާއެކު ސިނާންގެ އިތުރުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެކަމަކު، އިލްހާމް ވެސް މިއަދު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
ކުރިން ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ