ލަންކާ ބޯޓު ކައިރިއަށް ދެވޭނީ ހަވީރު 17:45 ހާއިރު - އެމްއެންޑީއެފް

ސްރީލަންކާ މަސްބޯޓަކުން އިއްޔެ ރޭ ސަލާމަތްކުރި ސ. ހިތަދޫ “ހިތްވަރު” ބޯޓުގެ އަށް ދަތުރުވެރިންނާއި ހަމައަށް ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދަށް ދެވޭނީ މިއަދު ހަވީރު 17:45 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ ސްރީލަންކާގެ މަސް ބޯޓާއި ހަމައަށް ދިއުމަށްޓަކައި ކޯސްޓްގާޑްގެ ލޯންޗް މިހާރުވެސް ދަނީ ދަތުރުކުރަމުން ކަމަށާއި ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ތިބީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުގައި އޮތް ސްރީލަންކާގެ މަސް ބޯޓުގައި ކަމަށެވެ.
ހިތްވަރު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ދިވެއްސެކާއި ބަނގުލަދޭޝްގެ ރައްޔިތަކުވަނީ މަރުވެފައެވެ. ހިތްވަރު ބޯޓް އަޑިއަށް ދިއުމުން ސްރީލަންކާގެ މަސްބޯޓާ ދިމާވީ ބޯޓްގައިތިބި އެންމެން ބޯޓުގެ ޑިންގީއަށް އަރާ ތިއްބާ ކަމަށާއި ލަންކާގެ މަސްބޯޓް އެމީހުންނާއި ހަމައަށް އައުމުގެ ކުރިން އެމީހުންގެ ތެރޭގައިހުރި ބަނގްލަދޭޝްގެ މީހަކާއި ދިވެހިންގެ އެކަކު މަރުވީ އެވެ.
މަރުވި ދެމީހުންގެ ތެރެއިން ދިވެހި މީހާއަކީ ގދ. ރަތަފަންދޫ ސޯސަންގެ ޙަސަންހުތާ 76، އެވެ.
ގެއްލިގެން އުޅޭ ހިތްވަރު ބޯޓުން ސަލާމަތްކޮށް، ސްރީލަންކާގެ މަސްބޯޓް، ލަކީޝާ އަށް ނަގާފައި ވަނީ ފަސް ދިވެހިނާއި ބަންގްލަދޭޝްގެ ތިން މީހުން ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފަ އެވެ. ލަކީޝާއަށް ނެގި ދިވެހިންނަކީ އަބްދުﷲ ނަސްރު އާއި މުހައްމަދު ޝަހީމު އާއި އަލީ ރަމީޒާއި ހަސަން ހަލީލާއި ޝިޔާމު ހަމީދުގެ އިތުރުން ބަންގުލަދޭޝުގެ އަކުބަރާއި ސަލީމާއި ހަސަން އެވެ.
ހިތްވަރު ބޯޓުން ދަތުރު ކުރި ކަމަށް ބޯޓުގެ ވެރިފަރާތުން ބުނާ މީހުންނަކީ ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު 11، އާއި އަބްދުﷲ ނަސްރު 22، އާއި ވައިލެޓްފެހި، މުހައްމަދު ޝިހާމް ހަބީބު 25، އާއި މަންޒިލްގޭ، މުހައްމަދު ޝަހީމް 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ، ހަސަން ހަލީލް 42، އާއި އިތުރުން ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ68، އެވެ. ދެން ތިބީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަޒުކާރު އާއި ހަސަން އާއި އެމްޑީ ސަލީމް މިއާ އާއި ޝަހާބުއްދީން ކަމަށް ވެއެވެ. ބޯޓުން ދަތުރުކުރީ ހަ ދިވެހިންނާއި ބަންގްލަދޭޝް ހަތަރު މީހެކެވެ.
“ހިތްވަރު” ބޯޓު މިހާރު ވީ އަޑިއަށް ގޮސްފަ އެވެ. ނަމަވެސް އަޑިއަށް ދިޔަ ސަބަބެއް އަދި އިނގިފައެއް ނުވެ އެވެ.
ލަންކާ ބޯޓާއި ހަމައަށް ދިއުމަށް ދަތުރު ކުރަމުންދަނީ ކޯސްޓުގާޑުގެ ހުރަވީ ޝިޕެވެ. ލަންކާ ބޯޓުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށް ޙަބަރު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ