އިނގިރޭސިވިލާތުގެ ރައްޔިތުން ރާއްޖެ އަންނައިރު ސަމާލުވުމަށް އަނެއްކާވެސް އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައިވާތީ ކޮންމެ ރެޔަކު މާލޭގައި ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން، ރާއްޖޭގެ ސިޔާސި މަސްރަހު ހަލަބޮލިވެފައިވާތީ، ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް، އިނގިރޭސިވިލާތުން އަނެއްކާ ވެސް އެ ގައުމުގެ ރައްޔިތުންނަށް އިއްޔެ އަންގައިފިއެވެ.
އިނގިރޭސިވިލާތުން އިއްޔެ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ، ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން، ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ކަމަށާއި، އެ މުޒާހަރާތަށް މީގެކުރިން ހަމަނުޖެހުންތަކަށް ބަދަލުވެ މީހުން ހައްޔަރުކުރާ ހިސާބަށްވެސް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އަންނައިރު ސަލާމަތީ ފިޔަވަޅު އަޅައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. އަދި މުޒާހަރާތަކާއި އެއްވުންތަށް އޮންނަ ސަރަހައްދުތަކަށް ނުދިޔުމަށް ވެސް އަންގާފައިވެއެވެ.
މިއީ ރައީސް ނަޝީދު ހައްޔަރުކުރިފަހުން އިނގިރޭސި ވިލާތުން ނެރުނު ދެވަނަ ޓްރެވަލް އެޑްވައިޒަރީއެވެ. އެގައުމުން ފުރަތަމަ ޓްރެވަލް އެޑްވައިޒަރީ ނެރުނީ ރައީސް ނަޝީދު ހައްޔަރުކުރި ދުވަހުއެވެ.
ރައީސް ނަޝީދު ހައްޔަރުކޮށް ޝަރީއަތް ހިންގަމުންދާތީ އެކަމާ ނުރުހެން ފާޅުކުރުމުގެ ގޮތުން މާލޭގައި ކޮންމެ ރެޔަކު އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ދަނީ މުޒާހަރާތަށް ކުރަމުންނެވެ.
މި މުޒާހަރާތަކާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވާތީ މީގެކުރިން އެމެރިކާ އަދި އިންޑިއާ ފަދަ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ