ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު ބާތިލްކޮށް އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން މިއަމުރު ނެރުނީ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދު"ގައި ހިމެނޭ ބައެއް މާއްދާތައް ބާތިލްކުރުމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އިއްޔެ އަޑުއެހުމެއް ބޭއްވުމަށްފަހު އެމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެންނެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދެ މީހަކު މެރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީއާއި، އެއީ ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުން ނިންމާފައިވާ ނިންމުމަކަށްވާތީ ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ ކޯޓުން ނިންމާފައިވާ ނިންމުމަކަށް ޗެލެންޖުކޮށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހައިކޯޓަށް ބަލައިގަތުމަކީވެސް ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށެވެ.
"ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ހައި ކޯޓުގެ 2016/HC-DM/01 ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، އެކަން ހައި ކޯޓަށާއި އަދި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގާ އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
މަރުގެ އަދަބު ތަންފީޒުކުރުން ފަސްކޮށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައި މިވަނީ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދު" ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން އިއްޔެ ހައިކޯޓުގައި ބުނެފައިވަނިކޮށެވެ.
މަރުގެ އަދަބު ތަންފީޒުކުރުން ފަސްކޮށް ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ، ހުސައިން ހުމާމްއާއި، މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ދަށު ކޯޓު ތަކުން ނިންމާފައިވާ ނިންމުންތަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާތީ މި ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ދައުލަތުގެ މުއައްސަސާތަކުން ގެންދަނީ ކުރަމުންނެވެ.
މަރުގެ އަދަބު ތަންފީޒުކުރުން ފަސްކޮށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ