މާލެއިން އިތުރަށް މަސައްކަތް ކުރަންޖެހޭ: ރައީސް މައުމޫން

ފާއިތުވި އިންތިހާބްތަކުގައި މާލެއިން ވޯޓް ލިބިފައިވަނީ ތަންކޮޅެއް މަދުންކަމަށާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މާލެއަށް އަމާޒުކޮށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނި މިހެން ވިދާޅުވީ ޕީޕީއެމް ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް މިރޭބޭއްވި ޖަލްސާގައެވެ. ޕީޕީއެމްގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުވާފައިވަނީ ޕްރައިމްރީގައި އުމަރު ނަސީރުގެ މައި ޖަގަހައިގެ ގޮތުގައި ބޭނުންކުރި ޖަގަހައިގައެވެ.
ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ އެންމެ ތާއީދުބޮޑު ޕާޓީކަމަށާއި މަނަވެސް މާލެއިން އިތުރަށް ވޯޓް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމުގައެވެ.
މި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ޔުނީފޯމްގައި ތިބޭ މީހުންނަށް (ފުލުހުންނަށް) އަނިޔާކުރުމަކީ ޕީޕީއެމްއިން ގަބޫލުކުރާކަމެއް ނޫންކަމުގައެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި ފުލުހުން ޓިއުޓީގައި ސްޓޭޝަންވެގެން ތިބޭ ސަރަހައްދާއި ކައިރިން އާއިލާއާއިއެކު ދިރިއުޅެވޭނެ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެކަމުގައެވެ.
ޔާމީންގެ ރަނިންގމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޒަމާނީ ވަސީލަތްތައް ގާއިމްކޮށް ފުލުހުން ސްޓޭޝަންގައި ތިބެގެން ކަންކަން ބެލޭނެ އިންތިޒާމެއް ގާއިމްކޮށްދެއްވާނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ