2008ގެ އިންތިހާބަށް ވުރެ އިތުރަށް މިފަހަރު ވޯޓު ލިބޭނެ: ރައީސް މައުމޫނު

މިފަހަރުގެ އިންތިހާބުގައި 2008 ވަނަ އަހަރުގެ އިންތިހާބުގެ ދެވަނަ ބުރުގައި ލިބުނު ވަރަށް ވުރެ އިތުރަށް ވޯޓު ލިބޭނެ ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް ވިދާޅުވީ އުތުރަށް ކުރެއްވި ދަތުރުފުޅުން ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނާއި ޑރ.މުހައްމަދު ޖަމީލު އަހުމަދަށް އޮތް ތާއީދު ހާމަ ވެގެން ހިގައްޖެ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ބޭނުން ނުވާ ކަމަށާއި ޕީޕީއެމުން ބޭނުންވަނީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނަށް ލިބިވަޑައިގެންނެވީ 40 އިންސައްތައެވެ. ދެވަނަ ބުރުގައި ލިބިވަޑައިގެންނެވީ 46 އިންސައްތައެވެ. ރައީސް މައުމޫނު ވިދާޅުވީ އޭރު ރައީސް ނަޝީދަށް 50 އިންސައްތައަށް ވުރެ މަތިން ލިބިވަޑައިގަތީ ހުރިހާ ޕާޓީތައް އެއްވުމުން ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުން ވެސް ޕީޕީއެމަށް 50 އިންސައްތައަށް ވުރެ މަތިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ