އެފްރިކާ ކަޕް އީކުއޭޓޯރިއަލް ގިނީގައި ބާއްވަން ނިންމައިފި

ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ އެފްރިކަން ނޭޝަން ކަޕް ބާއްވަން މޮރޮކޯ އުޒުރުވެރިވުމުން އެ މުބާރާތް އީކުއޭޓޯރިއަލް ގިނީގައި ބާއްވަން ނިންމައިފި އެވެ.
އެފްރިކާގެ ފުޓްބޯޅައިގެ މައި ޖަމާއަތުން އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮތް ތެލުގެ މުއްސަދިކަން ލިބިފައިވާ ގައުމުގައި މުބާރާތް ބާއްވަން ނިންމީ އެފްރިކާގެ އެހެން ގައުމަކުން އެއްބާރުލުން ނުލިބުމުންނެވެ.
ޖެރުއަރީ 17 އިން ފެބަރުއަރީ އަށަކަށް ބާއްވަން ހަމަޖައްސާފައިވާ މުބާރާތް މޮރޮކޯގައި ނުބާއްވަން އެ ގައުމުން ނިންމީ އެފްރިކާގެ ހުޅަނގުބިތުގައި ފެތުރެމުންދާ ނުރައްކާތެރި ބައްޔެއްކަމަށްވާ އެބޯލާގެ ސަބަބުންނެވެ. މޮރޮކޯއިން ބުނީ ގައިންގަޔަށް އަރާ މި ބަލީގެ ނުރައްކާ އޮތުމުން މީހުން ގިނައިން އެއްވެ އުޅޭ ކަންކަން މަދުކުރަން އެ ގައުމުން ނިންމާފައިވާ ކަމަށެވެ. އަދި ކުޅިވަރަކީ ގިނަ ބަޔަކު ކުޅިބަލަން އެއްވާ ކަމަކަށްވުމުން މިވަގުތު މުބާރާތް ނުބޭއްވޭނެ ކަމަށެވެ.
މޮރޮކޯގެ މި ނިންމުމުގެ ސަބަބުން އެ ގައުމު މުބާރާތުގައި ބައިވެރިނުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ މޮރޮކޯ މުބާރާތަށް ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކަމަށްވާތީ އެވެ. އަނެއްކޮޅުން މިހާރު މުބާރާތް ބާއްވަން ނިންމާފައިވާ އިކުއޭޓޯރިއަލް ގިނީ އަކީ މި ފަހަރުގެ މުބާރާތުން ސަސްޕެންޑްކޮށްފައިވާ ގައުމެކެވެ. އެއީ ކުޅުމުގެ ހުއްދަނެތް ކުޅުންތެރިއަކު ލައްވައި މެޗު ކުޅުވި މައްސަލާގަ އެވެ.
މޮރޮކޯއިން މުބާރާތް ނުބާއްވަން ނިންމުމުން އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގާނާ އާއި ދެކުނު އެފްރިކާގައި މުބާރާތް ބޭއްވުމަށެވެ. ނަމަވެސް އެ ދެ ގައުމުން ވަނީ މިކަމަށް އެއްބަސް ނުވެފަ އެވެ.
މިހެންވެ މުބާރާތް 2008ގައި ބޭއްވި ގާނާއިން ވަނީ ހަމަޖެހިފައިވާ ދުވަހަށް މުބާރާތް ބޭއްވިދާނެ ކަމާމެދު ސުވާލު އުފައްދައިފަ އެވެ. ގާނާގައި މުބާރާތް ބޭއްވި ފަހަރު އިންތިޒާމް ކޮމިޓީގެ ޗެއާމަންކަން ކުރި ޑރ. ކޯފީ އަމޯއާ ބުނީ އެއްވެސް ގައުމަކަށް ޖެނުއަރީގައި މުބާރާތް ފަށަން ތައްޔާރުވެވޭހާ ވަގުތު އޮތް ކަމަށް އޭނާ އަށް ނުފެންނަ ކަމަށެވެ.
ނަމަވެސް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އީސާ ހަޔާތޫ ބުނީ ހަމަޖެހިފައިވާ ތާރީހުގައި މުބާރާތް ބާއްވަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ