ހަބީބާ ދެކޮޅަށް އީސީ އިން އިސްތިއުނާފުކުރި މައްސަލަ މިއަދު ކޯޓުން ބާތިލްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ އިސް ވަޒީފާއެއްގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އިސްމާއިލް ހަބީބަށް ވަޒީފާ ދިނުމަށް ލޭބަ ޓްރައިބިއުނަލުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށް މިއަދަށް ތާވަލްކުރި އަޑުއެހުމަށް އިލެކްޝަންސް ކޮމިޝަނުން ހާޒިރުނުވުމުން މައްސަލަ ބާތިލްކޮށްފި އެވެ.
މިއަދުގެ 10:00 ޖެހިއިރު ހައިކޯޓުގައި ތާވަލްކޮށްފައިވާ މައްސަލައަށް، އިސްތިއުނާފް ކުރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅަކު ކޯޓަށް ހާޒިރުނުވުމުން މިއަދު މައްސަލަ ބާތިލްކުރިއިރު، މީގެ ކުރިން ވެސް މިމައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ތާވަލްކުރި އެވެ. ނަމަވެސް ދިމާވި އިދާރި މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅަކު އެދުވަހު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވުމުން އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ހަބީބު ވަކިކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ވަޒީފާ އިން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން އޭނާގެ ވަޒީފާ އަކީ އުނިވެފައިވާ ވަޒީފާއެއް ކަމަށް ކޮމިޝަނުން ނިންމުމަށްފަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ހަބީބު ވަކިކުރެއްވި މައްސަލަ ބަލައިދިނުމަށް އޭނާ އެމައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވުމުން ޓްރައިބިއުނަލުން އެމައްސަލަ ބަލާ އަމުރުކޮށްފައިވަނީ ހަބީބަށް އަނބުރާ ވަޒީފާ ދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށާއި އޭނާއަށް ހައްގުވާ އިނާޔަތްތަކާއި މުސާރައަށްވާ ފައިސާ ދިނުމަށެވެ.
ހަބީބާ ދެކޮޅަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮޕަރްޝަންގެ މައްސަލައެއް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ. އެމައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގާނޫނާ ގަވައިދާ ހިލާފަށް ކޮމިޝަނުގެ މުވައްޒަފަކަށް ސްކޮލަޝިޕެއް ދީފައިވާ ކަމަށާއި، އަދި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކޮމިޝަނުން މީހަކަށް ވަޒީފާ ދީފައިވާ ކަމަށެވެ. މިމައްސަލަ ތަހުގީގުކުރުމަށްފަހު އޭސީސީން ނިންމާފައިވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހަބީބު ހިންގަވާފައި ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އެންމެ އިސްކޮށް އުޅުއްވި ހަބީބު އިލެކްޝަންސް ކޮމިޝަނުން ވަކިކުރެއްވީ ޑިރެކްޓަ ޖެނަރަލަކަށް ހުންނަވަނިކޮށް ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލަކަށް އޭނާގެ މަގާމު ދަށްކުރުމަށްފަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ އިސްމާއިލް ހަބީބު މިހާރު ވަނީ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ