ދީނުގެ ކަންކަމާމެދު ބަޙުސް ކުރަންވާނީ ރަނގަޅަށް ދީން ދެނެވަޑައިގަންނަވާ ބޭފުޅުން: ރައީސް ނަޝީދު

އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތާމެދު ލިޔެފައި ހުންނަ ވާހަކަތަކަށް ބަޙުސް ކުރައްވާނީ އިސްލާމްދީން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެފަދަ ކަންކަމަށް ޢާއްމުން ވާހަކަ ދެއްކެވުން ރަނގަޅުނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. "އިސްލާމްދީނުގައި ކަންކަން އޮންނަގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް. އެފަދަ ކަންކަމަށް ޢާއްމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ" އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިގޮތަށް ޓުވީޓު ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެވެފައިވާ މައްސަލައެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ދީނީ ޢިލްމުވެރިންގެ މެދުގައވެސް އެކަންބޮޑުވެ އެ ޖަމްޢިއްޔާ ވަގުތުން އުވާލުމަށްވެސް ދަނީ ގޮވައިލަމުންނެވެ. ފުލުހުން މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ވެސް ގެންދަވަނީ އެމައްސަލަ ތަޙުޤީޤު ކުރައްވަމުންނެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އެމްޑީއެންގެ ރިޕޯޓު ވިދާޅުވިކަމަށެވެ. އޭގައި ނުރަނގަޅުކަންކަން ހުރކަމަށް ފާހަގަކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މާތްﷲ އަށާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެން ނުވާ ވާހަކަތަކެއް އޭގައި ގެނެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ