އެމްޑީޕީން މުޅީންވެސް ވެރިކަން ކުރަނީ ޑެޑްލޮކު އަޅުވައިގެން: ގާސިމް

އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެ ނަމަ މުޅީންވެސް ވެރިކަން ކުރަނީ ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވައި، އެ ތަންތަނުގައި ޑެޑްލޮކް އަޅުވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ހޯރަފުށްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން އެމްޑީޕީ އާ ހަވާލުކުރި ކޮންމެ ފަހަރަކު ފެނިގެން ގޮސްފައި ވަނީ ގާނޫނޫއަސާސީ އާ ޚިލާފަށް، ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޮރުވައިގެން ވެރިކަން ކުރާ މަންޒަރު ކަމަށެވެ.
އެގޮތުން އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައިސް، ފެނިގެން ދިޔައީ ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓުގައި ޑެޑްލޮކް އަޅުވައި ފަނޑިޔާރުން ވަގަށް ނެގި މަންޒަރު ކަމަށެވެ.
އަދި މިއަދު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނިގެން މި ދަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތަތީ އެތަނުގައި ބޮޑު ތަޅު އެޅުވި މަންޒަރު ކަމަށެވެ.
ވެރިކަން ކުރުމުގެ ބާރު ލިބެނީ ގާނޫނުއަސާސީން ކަމަށް އޭގައި ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ވެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުން ބިކަ ކުރުން ގާސިމް ވަނީ ކުށްވެރި ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ތިއްބަވާ ފަރާތްތަކުން އަމަލު ކުރާ އަނިޔާވެރި، ގާނޫނާ ޚިލާފު ކަންކަމާ ދެކޮޅަށް އެކަނި އަޑު އުފުއްލަވަން ޖެހުނުކަމުގައި ވީ ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ.
އެ ބޭފުޅުންނަށް އިތުބާރު ކުރުމަށްފަހު ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމުން، ވެރިކަމަށް އާދެވުމަށް ފަހު ރައްޔިތުންނަށް މުޅީންވެސް ވަނީ ޚިޔާނާތްތެރިކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ކަންކަމަކީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާ ސިޔާދަތު ދެމެހެއްޓުމަށް ގާސިމް ކުރައްވާ މަސައްކަތާ މުޅީން ޚިލާފު ކަމެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ އަޑު އިއްވައި ގައުމުގެ ހާލަތު ބަދަލު ކުރުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ