މޫސުން ގޯސްވެ ޗައިނާގެ ހުނާން ޕްރޮވިންސުން އެތައް ހާސް ބަޔަކު ނެރެފި

މޫސުން ގޯސްވެ ޗައިނާގެ ހުނާން ޕްރޮވިންސުން އެތައް ހާސް ބަޔަކު ނެރެފިއެވެ.
ޗައިނާގެ މޫސުމާބެހޭ އިދާރާއިން ހޯމަ ދުވަހު ވަނީ އެ ގައުމުގެ ބައެއް ޕުރޮވިންސް ތަކަށް ތޫފާނެއްގެ އަސަރު ކުރާނެ ކަމަށާއި ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިޔަށް އޮތް ދެދުވަސްތެރޭ ކުރިމަތިވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުގެ އިންޒާރާއެކު ޗައިނާގެ ހުޅަނގުއުތުރުން އޮންނަ ހުނާން ޕްރޮވިންސުން 3000 އަށްވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު އެ ޕްރޮވިންސުގެ ބައެއް ސިޓީތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.
ހުނާން ޕްރޮވިންސުގެ ސަންގްޒީ އަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 256 މިލިމީޓަރަށް ވާރޭވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން އެސިޓީއަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވާ ފަހަރު ކަމަށް ނޫސްތަކުން ބުނެއެވެ.
ޗައިނާ ސަރުކާރުން ވަނީ އެގައުމަށް މިއަހަރު މޫސުމީ އެކި ހާދިސާތަކުން ބޮޑެތި ގެއްލުން ވަމުން ދިއުމާއެކު ރައްކާތެރި ވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ