އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް 1.6 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ އެއް މިލިޔަން ތިންހާސް ދުއިސައްތަ އައްޑިހަ ހަތް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ އެއް މިލިޔަން ހަތަރު ލައްކަ ފަސްދޮޅަސް ހަތަރުހާސް ތިންސަތޭކަ ސާޅީސް ތިން ފަތުރުވެރިންނާއި އަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިމަހުގެ ފުރަތަމަ 21 ދުވަހުގެތެރޭގައި ވަނީ އެއްލލައްކަ އެގާރަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ މިމުއްދަތާއި އަޅާބަލާއިރު %7.7 އިތުރު އަދަދެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދޮޅު މިލިޔަނަށް ވުރެ އިތުރުވެފައިވާއިރު، ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ފަސްހާސް ހަތަރުސަތޭކަ ތިރީސް ފަސް ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ.
* ޗައިނާ : 235،765 ފަތުރުވެރިން
* ރަޝިއާ : 176،185 ފަތުރުވެރިން
* އިނގިރޭސިވިލާތް : 136،081 ފަތުރުވެރިން
* ޖަރުމަންވިލާތް: 120،380 ފަތުރުވެރިން
* އިޓަލީވިލާތް : 111،478 ފަތުރުވެރިން
ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ލައްކައަކާއި ގާތްކޮށްފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށްވަނީ ނުވަދިހަ ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން ކަނޑައަޅާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ. މިއަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ ތިންލައްކަ ނުވަދިހަ ހަހާސް ހަތްސަތޭކަ ތޭރަ ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ބޭރު ޤައުމުތަކުގައި ބާއްވާ އެކިއެކި ފެއަރތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމުގެ ގިނަ ހަރާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ