މޯލްޑިވިއަން އިން ލަންކާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި

މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފި އެވެ. ލަންކާ އަށް މޯލްޑިވިއަން ދަތުރުތައް ފެށީ މި އަހަރުގެ އެޕްރީލް މަހު އެވެ. މޯލްޑިވިއަން އިން ބުނީ ލަންކާ އަށް އުދުހޭ ބޯޓު "ގްރައުންޑް" ކޮށްފައި ވާތީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އަންނަ މަހު 14 އިން ފެށިގެން އަލުން ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.މޯލްޑިވިއަނުން ކޮންމެ ހަފްތާއަކު ދެ ފްލައިޓު ކޮލަމްބޯއަށް ބާއްވަ އެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ.ގައުމީ އެއާލައިން މޯލްޑިވިއަން އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޑެސްޓިނޭޝަންތަކަށް ދަތުރު ކުރާ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކާއި އިންޑިއާ، ބަންގަލްދޭޝް އަދި ސްރީ ލަންކާއަށް ދަތުރުތައް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ