ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް މިސަރުކާރުން ނުދެން: ރައީސް

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް މިސަރުކާރުން ދީފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މަތިވެރި ޒިންމާއަކީ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުންކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ސިޔާދަތު އޮތީ ޔަޤީންވާ ހިސާބެއްގައި ނޫންކަމަށެވެ.
ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ރުފިޔާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ މިހާރު އެފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާކމަށެވެ. މިއީ ބޭރުގެ ދަރަނި ދެއްކުމަށް ސަލާމަތްކުރާ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ އޮތީ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްކަމަށާއި، ޖޫންމަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުރެވުނު މަސައްކަތުން 18.6 ބިލިއަން ރުފިޔާގެ ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން ބޮޑު ޢަދަދެއްޚަރަދުކުރީ ފައިސާ ޗާޕްނުކޮށް ދައުލަތް ހިންގުމަށްކަމަށެވެ.
ލިބޭ އާމްދަނީއަކުން ޚަރަދުކޮށްގެން މިއަދާހަމައަށް ކުރެވުނު މަސައްކަތްތަކަށް އލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިންގޮތަށް މިސަރުކާރުން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ބަދަލުގެ ގޮތުގައި ދީފައިނުވާނެކަމަށެވެ.
"އެއީ ސިޔާސީ ގޮތުން ކުރިކަމެއް އޭރުގެ ސަރުކާރުގައި. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެއަށްވުރެ އަޅުގަނޑުމެން ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރަން ބޭނުން އިޚްލާސްތެރިކަމާއެކު. ހަމައެކަނި ދެވިފައިވާނީ ކުރީސަރުކާރުގެ 5 އަހަރުތެރޭގައި އެކި ގޮތްގޮތުން ކޯޓަށްގޮސްގެން އަޅުގަނޑުމެންނަށް ޢަމުރުއައި ޙުކުމް އައި ދެތިންކަމާ ގުޅިގެން އަމުރުއައި 119.7 މިލިއަން ރުފިޔާ. މިސަރުކާރުގެ ދުވަސްވަރު ދިޔަ މައްސަލަތަކެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ