ރޯދައަށްކަމަށް ބުނެ, މަޖިލިސް އިންތިޚާބާ ދިމާކޮށް ކަރަންޓު ބިލް ކުޑަ ކުމަށްފަހު, އިންތިޚާބު ނިމުމާއެކު ސްޓެލްކޯއިން ކަރަންޓުގެ އަގު ބޮޑުކޮށް ބިލް ކުރަން ފަށައިފި! މިއީ ރައްޔިތުންނަށް އޮޅުވާލާ ބޮޑު އޮޅުވާލުމެއް!

ފާއިތުވި މަޖިލިސް އިންތިޚާބާއި ދިމާކޮށް, ރޯދައަށްކަމަށް ބުނެ ސްޓެލްކޯއިން މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު ކަރަންޓުގެ އަގު ބޮޑުކޮށް ގޭބިސީތަކަށް ބިލްކުރަން ފަށައިފިއެވެ.
އެގޮތުން މިހާރު ސޯޝަލް މީޑިއާގަވެސް ގިނަ ބަޔަކު ހިއްސާކުރަމުންދާ ކަރަންޓު ބިލްތަކަށް ބަލާއިރު ސްޓެލްކޯއިން ދަނީ ގޭބިސީތަކަށް, އާންމު މަސްތަކުގައި ބިލަށް އަރާފަހުރި މިންވަރާއި އަޅާ ކިޔާލުމުން %50 އާއި %100 އާއި ދެމެދުގެ އަދަދަކުން ބޮޑުކޮށް ބިލްކުރަމުންނެވެ.
ބެލެވޭ ގޮތުގައި ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓު ބިލް ބޮޑުކޮށް ބިލް ކުރަމުންދަނީ ރެންޑަމްކޮށް (ވަކި ތަރުތީބެއް ގާއިމް ނުކޮށް) އެވެ. އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި, ހުރިހާ ގޭބިސީތަކުގެ ބިލްތައް ބޮޑު ކުރުމުގެ ބަދަލުގައި, އެކި ގޭބިސީތަކުން ބިލް ބޮޑު ކުރުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ނާންނާނެކަމަށް ބަލައިގެންކަމަށް ބެލެވެއެވެ.
ބިލްތައް ގަސްތުގަ ބޮޑު ކުރުމަށްފަހު ސްޓެލްކޯއިން އާންމުކޮށް ދައްކާ އުޒުރަކީ ބިލް ބޮޑުވާ މަހަކީ ހޫނުގަދަ މަހަކަށް ވުމުގެ އުޒުރެވެ. އެހެންނަމަވެސް ފާއިތުވި ދެމަހެއްހާ ދުވަސްވެސް ވެގެން ދިޔައީ ގިނަ ދުވަސްތަކުގައި ވިއްސާރަ, އަދި މާލެއަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހިފައިވާ ދުވަސްތަކެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށްކަމަށް ބުނެ, މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތައް ކެޕްކުރުމަށް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވާނެކަމަށް ފެނަކާ އާއި ސްޓެލްކޯއިންވެސް ވަނީ ދާދިފަހުން ބުނެފައެވެ.
ރައީސް މުއިއްޒު ވިދާޅުވެގެންކަމަށް ބުނެ ސްޓެކްލޯއާއި ފެނަކައިން ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަން އިއުލާނު ކުރީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ދިމާކޮށެވެ. އެހެންނަމަވެސް މިހާރު ފެނިގެން މިދަނީ މަޖިލިސް އިންތިޚާބު ނިމި ދިއުމާއެކު ކަރަންޓު ބިލް ބޮޑުކޮށް, ސަރުކާރުން ކުންފުނިތައް ބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާން ފެއްޓި މަންޒަރެވެ.
ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކާ ރައްޔިތުން ގުނބޯ ހެއްދުމަށް އޭރު ގެނައި ގިނަ ބަދަލުތައް އަލުން އިއާދަކުރަމުންނެވެ. އެގޮތުން އަންހެނެއްގެ ބަނޑު ކޮށްޓި ކަމުގެ ތުހުމަތު ކުރެވޭ, ޔާމިންގެ ދައުރުގައި މެލޭޝިއާގެ ހައިކޮމިޝަނަރުކަން ކުރެއްވި ފަހުމީއަށް އޮޅިގެން ވަޒީފާ ދެވުނުކަމަށް ބުނެ, މަޖިލިސް އިންތިޚާބުގެ ކުރިން ވަޒީފާއިން ވަކި ކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު މިއަދު ވަނީ އަލުން ވަޒީފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ