ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ދެމިހުންނާނަން: ނާޒިމް

ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން މިއަދު އިސްތިއުފާދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 
ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. 
"ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އޭނާ ވިދާޅުވި އެވެ. 
ނާޒިމް ވިދާޅުވީ މަޖިލީހުގައި ނައިބުރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމާއެކު ރާއްޖޭގައި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރި ކަމަށެވެ. 
މަޖިލީހުގެ ނައިބުރައީސްކަމުން އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕާޓީގެ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ހުށަހެޅި މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަ ހުރި ނަމަވެސް، އިންތިހާބީ މަގާމަކަށް ވޯޓުލީ އެންމެންނަށް އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމަށް ދެކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. 
މީގެއިތުރުން ނާޒިމް ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށެވެ.
ޕީއެންސީން މަޖިލީހަށް ހުށަހެޅި ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ ނާޒިމް "ވަކި ސިޔާސީ ފިކުރަކަށް ބުރަވެ" މަސައްކަތް ކުރާ ކަމަށާއި މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަންވެސް މަސައްކަތް ކުރާ ކަމަށެވެ. 
ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ