ކޮންޓެއިނަރ ސްކޭނަރ އޮޕަރޭޝަނަށް ގެންނަނީ

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި ސްކްރީނިންގ ކުރަން ފެށުމުން، ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް އެބަދޭ. ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ. އޭރަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ." ވަޒީރު އިހްސާން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުމެވެ. އަދި މި މައްސަލަ ޙައްލު ކުރުމަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށާއި އެއަށް ރާއްޖޭގައި އޮތް ޑިމާންޑު ދަށް ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެއެވެ.
މީގެކުރިން ރާއްޖެއަށް ވައިގެމަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިހާރު ހުރިހާ ޕެކޭޖެއް ދަނީ ސްކޭން ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ. އެގޮތުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1،294 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ