ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ކުރިއަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ ސައިޓް އިންސްޕެކްޝަނާއި ޑިޒައިން މަސައްކަތްތައް ފެށުމަށްޓަކައި، ޗައިނާ ރެއިލްވޭ ޑިޒައިން ކޯޕަރޭޝަންގެ ތަޖުރިބާކާރުން ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކޮންގް ޒިއަންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީން ކަންބޮޑުވާ މަގުތަކުގެ މައްސަލަތައް ހައްލު ކޮށްދިނުން އެއީ ޗައިނާއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމަށް ފައިދާކުރާނެ ފަދައިން، މަގުތަކުގެ ފެންހިންދާ ނިޒާމު ރަނގަޅުކުރުމަށް ރާއްޖެއާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅުއެވެ. މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
މަގުތައް ހެދުމުގެ މަޝްރޫއުގެ ކުރިއަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ ސައިޓް އިންސްޕެކްޝަނާއި ޑިޒައިން މަސައްކަތްތައް ފެށުމަށްޓަކައި ޗައިނާގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު މީގެ ކުރިން ވެސް މިމަޝްރޫއުގެ ބައެއް ދިރާސާތައް ޗައިނާގެ ޓީމްތަކުން ވަނީ ކޮށްފައެވެ.
މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތްތައް ފެށުމަށް ޗައިނާގެ ޓީމެއް އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ