މަލްޓިލޭޓަރަލް އެކްސަސައިޒު ޕްރަގަތީގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ބައިވެރިވެއްޖެއެވެ.
މި އެކްސަސައިޒު ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 18އިން 31އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައެވެ.
މި އެކްސަސައިޒަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްޙަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވިއެވެ.
މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ޤައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކާ އެކުގައެވެ.
އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި އެކްސަސައިޒުގައި 13 ޤައުމަކުން 400 އަށްވުރެ ގިނަ ސިފައިން ބައިވެރިވިއެވެ.
ރާއްޖެ ހިމެނޭހެން މި އެކްސަސައިޒުގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ