ނިމިދިޔަ އެމްޑީޕީ ސަރުކާރާއި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކޯޓުތަކަށް ފޯރުވި ނުފޫޒުތަކާ ގުޅިގެން، ރާއްޖޭގެ ކޯޓުތަކުގައި މިހާރު "ކޮލިޓީ" ނުވަތަ ފެންވަރު ރަނގަޅު ފަނޑިޔާރުން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދި މިހާރު އޮތް ސަރުކާރުން ވެސް ކޯޓުތަކުގައި ތިބި ރަނގަޅު ފަނޑިޔާރުން އެކިއެކި ސަބަބުތައް ދައްކައިގެން ބޭރުކޮށްފައިވާ ކަމަށެވެ.
ޕާޓީން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ކުރުން ޔާމީން ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ތެރެއިން އޭރު ސުޕްެރީމް ކޯޓުގައި ތިއްބެވި:
ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި
ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރި
ބުނީ ކީކޭ؟ - "ކޮލިޓީ ފަނޑިޔާރުންތައް ކޮބައިތޯ މިހާރު. ސުޕްރީމް ކޯޓު [ކުރީގެ ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު އައިސް ތަޅާލީ. އެއަށް ފަހު [މިހާރުގެ ރައީސް މުހައްމަދު] މުއިއްޒު އައިސް ތަޅާލީ. ތަޅާލި ފަހުން މިތަންތަނުގައި ނެތޭ ކޮލިޓީ ފަނޑިޔާރުންނެއް،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ:
ފަނޑިޔާރުކަމަށް ބޭނުންވަނީ ހަަމައެކަނި ޝަރީއާ އެންޑް ލޯ ހަދާފައި ތިބި މީހުންނެއް ނޫން؛ ބައިނަލްއަގުވާމީ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގާނޫނުތައް ވެސް އެނގޭނެ މީހުން ފަނޑިޔާރުންނަށް ބޭނުންވޭ
ސުޕްރީމް ކޯޓާއި ހައި ކޯޓުގައި ވެސް ފެންވަރު ރަނގަޅު ފަނޑިޔާރުންނެއް ނެތް؛ ފެންނަނީ އެ ތަންތަނުގައި ތިބި ރަނގަޅު ފަނޑިޔާރުން އޭތި މީތި ކިޔައިގެން ބޭރުކުރާ ތަން
މި އުޅެނީ ގާނޫނުތައް ނެތިގެންނެއް ނޫން؛ ހިންގަން ތިބި މީހުންގެ އިހުލާސްތެރިކަން ނެތިގެން
ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ ކުށުގެ މައްސަލައެއް މިވަގުތު ވެސް ކޯޓުގައި އޮތް ޔާމީން ވިދާޅުވީ، ފަނޑިޔާރުން ވެސް މައްސަލަތަކުގެ މަތީގައި އެ މައްސަލަތައް ފީކުރަން ތިބެން ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ. އެފަދަ މައްސަލަތައް ނިންމަންޖެހޭ ވަކި ތާރީހުތަކެއް އަދި ފަނޑިޔާރުން އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ގާނޫނަކުން ކަނޑައަޅަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތަޖުރިބާއިން ކަންކަން ދާ ގޮތުން، ކޯޓުތަކަށް ވަންނަ މައްސަލަތައް ބަލައި ނިންމަން މުއްދަތުތަކެއް އަންނަން އެބަޖެހޭ. ބައެއް ކަހަލަ މުހިންމު މައްސަލަތައް، މިސާލަކަށް ގެގް އޯޑަރު ކަހަލަ މައްސަލަތައް. މިއީ 72 ގަޑިއިރު ތެރޭ އެއަށް [ކޮންމެވެސް ގޮތެއް ނިންމެންޖެހޭ] މައްސަލައެއް. މުޅި ދިވެހި ރައްޔިތުންގެ އަގަމަތީގައި މަލަން އަޅައިގެންނެއް ނުގެންގުޅެވޭނެ މިހެންނެއް. އެކަން އެންމެ މަތީ ކޯޓުން ދަމަހައްޓައިފިއްޔާ އަޅުގަނޑުމެން ތަބާވާނެ. އެކަމަކު އެކަން ވެސް އެބަ ނިމެންޖެހޭ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
މުދަލާއި ފައިސާގެ މައްސަލަތައް ވެސް 7 އަހަރު ނުވަތަ 8 އަހަރު ކޯޓުތަކުގައި މަޑުޖެހިފައި އޮތުމަކީ އިންސާފެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ކޯޓުތަކުގައި މިހާރު މައްސަލަތައް ހިންގަނީ ފަނޑިޔާރުން ބޭނުންވާ މައްސަލައެއް އަވަސްކޮށް، ލަސްކުރާ ބީދައަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނު ހިންގަން ތިބި މީހުންގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ. ދެން އެކަން ރަނގަޅު ކުރެވެން އޮތް ގޮތަކީ ގާނޫނުގައި އެ މީހުން ބަނުން. މައްސަލަތައް ނުހިންގާ މީހުންނަށް ގާނޫނުގައި މުއްދަތުތަކެއް ކަނޑައެޅުން. ކީއްވެގެންތޯ މީހުންނަށް ނުފުރިފައި ތިބެންވީ ޖިނާއީ ކޯޓުގައި މައްސަލައެއް އޮވެގެން. މައްސަލަ ހިންގާ ނިންމަންވީތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން މިހެން ހުރުމުން ރާއްޖެ މިހާރު އޮތީ 20 ފިޔަވަޅު ފަހަތުގައި ކަމަށާއި މިހާރު ރާއްޖެ އޮތް ހިސާބަކީ، 30 އަަހަރުގެ ދިގު ވެރިކަމެއް ކުރެއްވި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގެ ކުރީކޮޅަށް ވުރެ ވެސް ފަހަތުގައި ކަމަށެވެ.
އެކަމާ ހިތާމަކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ވެރިއަކަށް އަންނަ މީހުންގެ ޝަރުތުތައް ވެސް މަތިކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޯޓުތަކުގައި މިހާރު ފެންވަރު ރަނގަޅު ފަނޑިޔާރުންނެއް ނެތް: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ