ލުބުނާނުގެ ރައީސް ޖޯސެފް އަައުން އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު، އިޒްރޭލާއި ހިޒްބުއްލޯއާ ދެމެދު ހިނގަމުންދާ ހަމަލާތައް މަޑުމަޑުން ހުއްޓާލުމުގެ ޕްލޭނެއް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ހުށަހަޅުއްވައިފި އެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހުށަހެޅުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އީރާނުގެ މަދަދުލިބޭ ހިޒްބުއްލޯ ޖަމާއަތުން އިޒްރޭލަށް ދޭ ހުރިހާ ހަމަލާތަކެއް ހުއްޓާލަންޖެހެ އެވެ. ހަމަ އެއާ އެކު، އިޒްރޭލުން ބެއިރޫތުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުން ބަރީއަވާންޖެހެ އެވެ.
"މީގެ ސަބަބުން ހަމަލާތައް މަޑުމަޑުން މަދުކޮށްލުމަށާއި ހަނގުރާމަ މުޅިން ހުއްޓާލުމަށް ފުރުސަތު ލިބިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި ޕްލޭން މި ހުށަހެޅީ، މީގެ ހަ ހަފުތާއަށް ވުރެ ގިނަ ދުވަސް ކުރިން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވުމެއް އިއުލާންކުރި ނަމަވެސް ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ހިޒްބުއްލޯ އިން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ބޯލަނބާނެކަމުގެ ޔަގީންކަން ދެވިދާނެ ކަމަށް ވިދާޅުވި ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެއްރީ ވަނީ، އެންމެ ފުރަތަމަ އިސްވެ ހަމަލާދިނުން ހުއްޓާލަންޖެހޭނީ އިޒްރޭލުން ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފަ އެވެ.
މި ހާރިޖީ މަސައްކަތްތައް ކުރިއަށްދާ ވަގުތަކީ، ލުބުނާނުގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް އަލުން ވަރުގަދަކޮށްފައިވާ ވަގުތެކެވެ. ނަތަންޔާހޫ އިއްޔެ އިއުލާންކުރެއްވި ގޮތުގައި، ލުބުނާނަށް އެއްގަމު މަގުން ސިފައިން ވަދެގަތުމަށް އޭނާ ވަނީ އަމުރުކުރައްވާފަ އެވެ. އަދި އިޒްރޭލުގެ ބާރުތަކުން ބުނެފައިވަނީ ލުބުނާނުގެ ދެކުނުގައިވާ ތާރީހީ 'ބޯފޯޓް ކާސަލް' އާއި މުހިންމު ފަރުބަދަމަތީ ސަރަހައްދެއް އެ ގައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ފަހުގެ ކުރިމަތިލުންތައް ވަރުގަދަވެގެން މިދިޔައީ، އޭޕްރީލް މަހު ހަމަލާ ބަދަލުކުރުން މެދުކަނޑާލި ފަހުން އިޒްރޭލުގެ އުތުރަށް ހިޒްބުއްލޯ އިން ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދިން ދުވަހާ ދިމާކޮށެވެ. މިއާ އެކު އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ހިޒްބުއްލޯ އިން އިޒްރޭލުގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހިމޭނުން ތިބެ އިޒްރޭލުން ބަލައިގަންނާނެ ކަމަށް ވޮޝިންޓަނުން އުންމީދު ނުކުރާ ކަމަށެވެ. މިއިން ދޭހަކޮށްދެނީ ބޯޑަރު ސަރަހައްދަށް ސުލްހަ ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރި ގޮންޖެހުންތަކުގެ ބޮޑުކަމެވެ.
އިޒްރޭލު-ހިޒްބުއްލޯގެ ހަމަލާތައް މަޑުޖައްސާލުމުގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ