ބްލޫ އޮރިޖިންގެ "ނިއު ގްލެން" ރޮކެޓް އުދުއްސާލުމުގެ ކުރިން ގޮވައިފި
އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންގެ "ނިއު ގްލެން" ރޮކެޓް އުދުއްސާލުމުގެ ކުރިން ހެދި ޓެސްޓްތަކެއްގައި ވަރަށް ބާރަށް ގޮވައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކޭޕް ކެނެވެރަލް ސްޕޭސް ފޯސް ސްޓޭޝަނުގައި، މީތޭން އަދި ލިކުއިޑް އޮކްސިޖަން ބޭނުންކުރާ ހަތް އިންޖީނު އެއްފަހަރާ ޖައްސައިގެން ކުރިއަށްގެންދިޔަ މި "ހޮޓްފަޔާ" ޓެސްޓުގެ ތެރެއިން މި ހާދިސާ ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރޮކެޓް ބިމުގައި ހަރުކޮށްފައި ބަހައްޓައިގެން އިންޖީނުތަކުގެ ތައްޔާރީތައް ބެލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. https://sun.mv/222301 ރޮކެޓްގެ ފުރަތަމަ މަރުހަލާގެ އިންޖީނުތަކުގައި އަލިފާން ހިފުމާއެކު، އޭގެ މަތީ ބައި ކުޑަކޮށް އަރިއަޅާލި ކަމަށާއި، އޭގެ ފަހުން މުޅި ރޮކެޓް އެކީގައި ބާރުގަދަ ގޮވުމަކާއެކު އަލިފާންގަނޑެއްގެ ތެރެއަށް ބަދަލުވެގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގޮވުމުގެ ސަބަބުން އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އާއި އެމެޒޯން ކުންފުނީގެ މުހިންމު މަޝްރޫއުތަކަކަށް ބޮޑެތި ލަސްތަކެއް ކުރިމަތިވުމުގެ ބިރު ވަނީ ހީވެފައެވެ. މިއީ 2028 ވަނަ އަހަރު އިންސާނުން އަލުން ހަނދަށް ފޮނުވުމަށް ނާސާއިން ކުރިއަށްގެންދާ "އާޓެމިސް" ޕްރޮގްރާމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރޮކެޓަކަށް ވުމާއެކު، މި ހާދިސާގެ ސަބަބުން ހަނދުގެ މިޝަނަށް ކުރާނެ އަސަރުތައް ބަލަމުންދާނެ ކަމަށް ނާސާގެ އެޑްމިނިސްޓްރޭޓަރު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމެޒޯންގެ "ކުއިޕާ" ސެޓެލައިޓްތައް ފަޒާއަށް ފޮނުވުމަށް ރާވާފައިވާ ރޭވުންތަކަށް ވެސް މީގެ ސަބަބުން ބުރޫއަރާނެއެވެ. މި ހާދިސާ ހިނގި "ނިއު ގްލެން" ރޮކެޓަކީ އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިންއިން ދެވަނަ ފަހަރަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރަމުން އަންނަ، 98 މީޓަރު (320 ފޫޓު) އުސް ބިޔަ ރޮކެޓެކެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނާސާގެ "އެސްކަޕޭޑް" މާސް މިޝަން ކާމިޔާބުކަމާއެކު ފަޒާއަށް އުދުއްސާލުމުގައި މި ގްރޭޑްގެ ރޮކެޓެއް ބޭނުންކޮށްފައިވާއިރު، މިއީ އަމިއްލަ ކުންފުނިތަކާއި ސަރުކާރުތަކުގެ ބޮޑެތި ސެޓެލައިޓްތަކާއި ބަރު މުދާ ޖައްވަށް އުފުލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ އުޅަނދެކެވެ. މީތޭން އަދި ލިކުއިޑް އޮކްސިޖަން ބޭނުންކުރާ ބީއީ-4 މަރުކާގެ ހަތް އިންޖީނު ހިމެނޭ މި ރޮކެޓަކީ، ޖައްވީ ދާއިރާގެ ވާދަވެރި ކުންފުންޏެއް ކަމަށްވާ ސްޕޭސްއެކްސްގެ "ފެލްކަން ހެވީ" އާއި "ސްޓާޝިޕް" ރޮކެޓްތަކާ ވިޔަފާރީގެ ގޮތުން ވާދަކުރުމަށް ބްލޫ އޮރިޖިންއިން ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ