"ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން"

ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ. ވަޒީރު މި ޔަގީންކަން ދެއްވީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރާ ހައުސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް ވަނީ، ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.
"ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ދައުލަތްތަކާއި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން ދައްކުވައިދޭ އިސްނެގުމާއި ބާއްވާ ގާތް ގުޅުން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ، މާލްބަރާ ހައުސްއިން ވަޒީރު އިރުތިޝާމް އާދަމަށް މަރުހަބާ ދެންނެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ކޮމަންވެލްތަކީ، 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެ ޖަމާއަތާ ގުޅިގެން ތަފާތު ދާއިރާތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ޙިމާޔަތް ކުރުމަށް ރާއްޖެއިން ދަނީ، އިސްދައުރެއް އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ