ޓޭލާގެ ކޮންސެޓަކަށް އަމާޒުކޮށް ހަމަލާދޭން އުޅުނު މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓަށް ހަމަލާދޭން ރޭވި އޮސްޓްރިއާގެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. ދެހާސްސައްވީސް ވަނަ އަހަރުގެ އޮގަސްޓް މަހު އާންސްޓް ހެޕަލް ސްޓޭޑިއަމްގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މި ކޮންސެޓަށް ހަމަލާދޭން އުޅުނު އުމުރުން 21 އަހަރުގެ ޒުވާނާގެ މައްޗަށް، ޓެރަރިޒަމާ ގުޅުންހުރި އެހެން ބައެއް ދައުވާތައް ވެސް ވަނީ ސާބިތުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮސްޓްރިއާގެ ކޯޓަކުން ހުކުމް އިއްވި މި ހަމަލާގެ ރޭވުންތައް ފަޅާއެރީ އެމެރިކާގެ ސީއައިއޭއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ. މި ހަމަލާއާ ގުޅިގެން، ޓިކެޓް ވިއްކާ ހުސްވެފައިވާ ތިން ކޮންސެޓް ވެސް ވަގުތުން ކެންސަލްކުރަން ޖެހުނުއިރު، އޭގެ ސަބަބުން ގާތްގަނޑަކަށް ދެ ލައްކައެއްހާ ސަޕޯޓަރުންނާއި ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ކެލިފޯނިއާގައި ބޭއްވި 67 ވަނަ ގްރެމީ އެވާޑްސްގައި ޓޭލާ--ފޮޓޯ/ޕީޕްލް ދައުވާ އުފުލި ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ބެރަން އޭ ނަމަކަށް ކިޔާ މި ޒުވާނާ އަކީ ހަރުކަށި ފިކުރުގެ މަގަށް ލެނބި، އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ބައިއަތު ހިފައިގެން ހުރި މީހެކެވެ. އޭނާ ވަނީ ޣައިރު ގާނޫނީ ގޮތެއްގައި މެޝިން ބަޑިއާއި ގްރެނޭޑް ފަދަ ހަތިޔާރު ހޯދުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައެވެ. ކޯޓުގެ ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރު، ޕީޓަ ހޮފްމަން ވިދާޅުވި ގޮތުގައި، ބެރަންގެ ކިބައިން ނަފްސާނީ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނާން ނެތްއިރު، ހަރުކަށި ފިކުރަށް ލެނބުމުގައި ނަފްސާނީ އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ. މި މައްސަލައިގައި ބެރަންއާ އެކު ދެން ކޯޓަށް ހާޒިރުކުރީ އާރްދާ ކޭ ނަމަކަށް ކިޔާ ސްލޮވާކިއާގެ މީހެކެވެ. އޭނާއަކީ ވެސް އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް، ވިއެންނާގައި ދޭން އުޅުނު ހަމަލާގެ ރޭވުމުގައި އޭނާ ބައިވެރިވިކަން ސާބިތުކޮށްދޭނެ އެކަށީގެންވާ ހެކި ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. އެހެންނަމަވެސް، ޓެރަރިޒަމާ ގުޅުންހުރި އެހެން ކަންކަމުގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ކޮންސެޓް އިންތިޒާމުކުރި ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "އީރާސް ޓުއާ"ގެ ޝޯތައް ކެންސަލް ކުރަން ޖެހުނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ޔަގީން މައުލޫމާތު ސަރުކާރުގެ އިދާރާތަކުން ދިނުމާ ގުޅިގެންނެވެ. ޓޭލާގެ "ދަ އެންޑް އޮފް އެން އީރާ" ޑޮކިއުސީރީޒްގައި ލަވަކިޔުންތެރިޔާ ވަނީ މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް އަސަރުކޮށް ކަރުނަ އަޅަމުން ވާހަކަދައްކާފައެވެ. ޓޭލާ ބުނި ގޮތުގައި، ބޮން ގޮއްވާލަން އުޅޭކަމުގެ މައުލޫމާތު އޭނާއަށް ލިބުނީ އޮސްޓްރިއާއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގެ މަތީގައި އިންދައެވެ. އަދި އެއީ "ލޭއޮހޮރުވުމެއް ހިނގައިދާނެ ފަދަ ނުރައްކާތެރި ހާލަތަކުން" ހަނިގޮތަކަށް ސަލާމަތްވުން ކަމަށާއި، ސަޕޯޓަރުންގެ ސަލާމަތަށްޓަކައި ކޮންސެޓް އިންތިޒާމުކުރި ފަރާތުން ވަގުތުން ފިޔަވަޅު އެޅީތީ ޓޭލާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ