ސްޕެއިން އަތުން ބަލިވެ އުރުގުއޭ ކެޓުން، ކޭޕް ވާޑުން ތާރީހުގެ ތެރެއަށް

ފީފާ ވޯލްޑްކަޕުގެ ގްރޫޕް އެޗުގެ ފަހު މެޗުގައި މިއަދު ކޭޕް ވާޑޭއިން ސައުދީއާ އެއްވަރުކޮށް ވޯލްޑްކަޕެއްގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރި އެންމެ ކުޑަ ގައުމު ޝަރަފު ހޯދާ ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ 10 ގައުމުގެ މައްޗަށް އެކުލެވޭ ކޭޕް ވާޑުން މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި މި ނަތީޖާއާއެކު ދެވަނަ ބުރަށް ދަތުރުކޮށް އެޓީމުން ދެވަނަ ބުރުގައި ކުރިމަތިލާނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ އެވެ.
ލަނޑެއް ނުޖެހި ސައުދީ އަރަބިއާއާ ރޭ އެއްވަރުވި މެޗު ނިމުމުން ކޭޕް ވާޑުގެ ކުޅުންތެރިން ވަނީ ސްޕެއިނުން އުރުގުއޭ ބަަލިކުރި މެޗުގެ ފަހު ވަގުތުކޮޅު ބެލުމަށްޓަކައި ދަނޑުމަތީގައި ފޯނެއް ކައިރިއަށް ޖަމާވެފަ އެވެ. އަދި 1 - 0 ން ސްޕެއިނުން އުރުގުއޭ ބަލިކުރުމުން ކޭޕް ވާޑަށް ގްރޫޕުގެ ދެވަނަ ވަނީ ލިބިގެން ގޮސްފަ އެވެ. އަދި ސައުދީއާ އުރުގުއޭ ވަނީ މުބާރާތުން ކަޓާފަ އެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިނުން އުފާފާޅުކުރަނީ--- ފޮޓޯ: ރޫޓާސް
މިކާމިޔާބީއާ ހަމައަށް ކޭޕްވާޑުން ދަތުރުކުރީ ފުރަތަމަ މެޗުގައި 40 އަހަރުގެ ކީޕަރު ވޮޒީނިއާގެ އާދަޔާހިލާފު މޮޅު ކުޅުމަކާއެކު ލަނޑެއް ނުޖެހި ސްޕެއިނާއި އެއްވަރުކޮށް ދެވަނަ މެޗުގައި ދެފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އުރުގުއޭއާ 2 - 2 ން އެއްވަރުކޮށްގެންނެވެ.
ކޭޕް ވާޑުން ކުޅުނު 3 މެޗުން އެއްވަރުކޮށް 3 ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ ހޯދިއިރު އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކު ސްޕެއިނެވެ. އަދި 3 ވަނަ އަށް ދިޔަ އުރުގުއޭއަށް ލިބުނީ ދެ ޕޮއިންޓެވެ. ދެ ޕޮއިންޓާއެކު ތިންވަނައަށްދާ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލި އުރުގުއޭ މިވަނީ މުބާރަތަށް އަލްވަދާއު ކިޔާފަ އެވެ.
"އެމީހުން އެކުރަނީ ހައިރާންކުރުވަނިވި މޮޅު މަސައްކަތެއް. މިއީ ސްޕެއިނާ ދެކޮޅަށް ކުޅުނު އެންމެ މެޗެއްގެ ވާހަަކައެއް ނޫން، މިއީ އެންމެ މަތީ ފެންވަރުގައި ކުޅެވުނު 3 މެޗުގެ ވާހަކަ" އައިޓީވީއަށް ދިން އިންޓަވިއުއެއްގައި ސްޕެއިނާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ޖުއާން މަޓާ ބުންޏެވެ.
525000 އާބާދީއެއްގެ މިކުޑަ ކުޑަ ގައުމުން 5 ފަހަރުގެ އެފްރިކަން ޗެމްޕިއަން ކެމަރޫންގެ ކުރިއަށް ވޯލްޑްކަޕަށް ކޮލިފައިވެ މިހާދުރަށް ދަތުރުކުރިގޮތުގެ ސުވާލު ވެސް ގިނަ ބައެއްގެ ހިތުގައި އުފެދެ އެވެ. ނޫ މިޔަރު (ބްލޫ ޝާކްސް)ގެ މިކާމިޔާބީގެ މައިގަނޑު ސަބަބަކަށް ވަނީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެގައުމުގެ 'ޑަޔަސްޕޯރާ'އިން ކުޅުންތެރިން ޓީމަށް ހޮވަން ނިންމުމުންނެވެ. ޑަޔަސްޕޯރާއަކީ އެހެން ގައުމުތަކުން އައިސް އެގައުމަށް ނިސްބަތްވާ އެގައުމުގެ ހަގީގީ މީހުންގެ ތެރޭގައި އެކި ސަރަހައްދުތަކަށް ބަހާލެވިފައިވާ ގްރޫޕެކެވެ.
ޕޯޗުގަލްއަށް ވެސް ގިނަ ކަންކަމެއް ގުޅޭ ކޭޕްވާޑުގެ ރަށްތަކުން ވޭތުވެދިޔަ ގަރުނުގައި ބޮޑެތި ފެންބޮޑުވުމުގެ ކާރިސާތަކާ ގުޅިގެން ގިނަ ބަޔަކު ގައުމުން ބޭރަށް ހިޖުރަކުރި އެވެ. ކަނޑުމަތީގެ ވިޔަފާރިކުރުމުގެ އާދަކާދައެއް އަދި މެރިޓައިމް ޓްރޭޑްގައި ކޭޕްވާޑުގެ ހިއްސާ އޮތުމުން އެނގެނީ ގުނާލެވޭވަރުގެ އާބާދީއެއް ރޮޓަޑަމްގައި ކޭޕް ވާޑަށް ނިސްބަތްވާ މީހުންގެ އޮތްކަމެވެ.
ރޭގެ މެޗަށްފަހު ކޭޕް ވާޑުގެ ސަޕޯޓަރުން އުފާފާޅުކުރަނީ--- ފޮޓޯ: ގެޓީ އިމޭޖަސް
26 ކުޅުންތެރިން ސްކޮޑުން 14 މެމްބަރުންނަކީ އެގައުމުން ބޭރަށް އުފަންްވެފައި ތިބި ކުޅުންތެރިންނެވެ. އަދި އެތަނުން 6 ކުޅުންތެރިންނަކީ ޑަޗް ޕޯޓް ސިޓީއިން އައިސްފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކާސާ ޕިއާއަށް ކުޅެމުން އަންނަ ފޯވާޑް ޑައިލަން ލިވްރަމެންޓޯ ވަނީ ކެމަރޫން ބަލިކޮށް މިދިޔަ ސެޕްޓެމްބަރުގައި ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތުގެ އެންމެ މުހިންމު އަދި ހަމައެކަނި ގޯލު ޖަހައިދީފަ އެވެ.
"އެފްސީއެފުން ވަނީ ހިތްވަރާއި ޖޯޝާއި އިތުބާރު އަދި ރަނގަޅު ޓެކްނިކަލް ރޭވުމާއެކު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ" ބީބީސީ ސްޕޯޓްސް އެފްރިކާއަށް ދިން އިންޓަވިއުއެއްގައި ކޭޕް ވާޑުގެ މަޖިލިސް މެމްބަރު ހޮސީނާ ފްރެއިޓަސް ފޯޓްސް ބުނެފައިވެ އެވެ. އޭނާ އިތުރަށް ބުނީ މިހާރު ފެންނަ މިނަތީޖާތަކަކީ އެތައް އަހަރަކު ކުރި މަސައްކަތާ އެންމެން ކުރި އިތުބާރު އަދި މި ޕްރޮޖެކްޓަށް ހިތްދީގެން މަސައްކަތްކުރި މީހުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެހެންނަމަވެސް މިމޮޅާއެކު އެޓީމުން ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް ދެވަނަ ބުރު އެޓީމަށް ވެގެންދާނީ ވަރަށް އުދަނގޫ ބުރަކަށެވެ. އެޓީމުން ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އަދި ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ. މިމެޗު އޮންނާނީ އަންނަ ހުކުރު ދުވަހު މަޔާމީގަ އެވެ.
"ހަގީގަތުގައި މިއީ އެހެން ކަމެއް، އަހަންނަށް ހީވަނީ އަހަންނަށް މިހުރެވެނީ ހުވަފެނެއްގެ ތެރޭގައި ކަަމަށް، ފުރަތަމަ ހިނގާ އުފާފާޅުކުރަން، އަހަރުމެން މިތިބީ ވަރަށް އުފަލުން އަދި އުއްމީދުކުރަމާ ހިނގާ ހުރިހާ ކޭޕް ވާޑް ރައްޔިތުން ވެސް އުފަލުން ތިބި ކަމަށް. ދެން އޮތް މެޗަށް ތައްޔާރުވާނީ މާދަމާއިން ފެށިގެން. އެމެޗު އޮތީ އާޖެންޓީނާއާ ދެކޮޅަށް ދޯ؟ އެއީ އުދަނގޫ މެޗަކަށް ވާނެ، އެހެންނަމަވެސް އުއްމީދުކުރެވިދާނެ، ކޮންމެކަމަކީ ވެސް ނުވާނެ ކަމެއް ނޫން" މެޗަށްފަހު ވާހަކަދައްކަމުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މިޑްފީލްޑަރު ޑެރޯއީ ޑުއާޓޭ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ