ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރުމުގައި ފުލުހުން ބައިވެރިވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ކަމަށް ބުނެ، ނާޒިމް ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު އިއްތިހާދުން މިއަދު ގޮވާލައިފި އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންނަށް ފައިސާ ދީގެން ނާޒިމްގެ އެޕާޓްމަންޓުގައި ފިސްތޯލައެއް ބޭއްވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތެއް ވެދާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިއުތިރާފްވެވަޑައިގަތުމުން އިތުރު ހެއްކާއި ގަރީނާ ހޯދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ނާޒިމްގެ މައްޗަށް ކުރި ހުކުމަކީ ސައްހަ ހުކުމެއް ނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ބަޔާނުގައި ބުންޏެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ބޭނުންކުރުން މަނާ ހަތިޔާރު ފެނުނު ކަމަށް ބުނެ 11 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފް ޝަރީއާތާ ގުޅިގެން އުމަރު ދައްކަވާ ވާހަކަތަކުން ނާޒިމަށް ކުރީ ނުހައްގު ދައުވާއެއްކަމާއި އެއީ ބާތިލް ޝަރީއަތެއްކަން ހާމަވަގެންދާ ކަމަށް ވެސް އިދިކޮޅު އިއްތިހާދުގެ ބަޔާނުގައިވެ އެވެ.
"މުޅި ދައުލަތުގެ އެންމެ މުހިއްމު އަދި ޒިންމާދާރު މުއައްސަސާގެ ހާލަތު އިންތިހާއަށް ގޯސްވެ ފުލުހުންގެ ތެރޭގައި ފަސާދައަށް މަގުފަހިވެ، ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާކަން މިކަމުން ހާމަވެއެވެ." އިއްތިހާދުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ނާޒިމްގެ މައްޗަށް ނުޙައްގު ތަހުގީގެއް ކުރެވުނުއިރު އުމަރު ހިމޭނުން ހުންނަވައި ފުލުހުންގެ ކޮރަޕްޝަން ފޮރުވުމުގައި ސާބިތުކަމާއެކު ހުންނެވުމަށްފަހު މި ވާހަކަތައް ދެއްކެވުމުން ހޯމް މިނިސްޓަރުގެ ގާނޫނީ ޒިންމާ އަދާކުރެއްވުމުގައި އުމަރު ފެއިލްވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ އެތައް ހައްގުތަކަށް ފުލުހުން އަރައިގަންނަމުންދާ ކަމަށާއި އެފަދަ ފުލުހުންނާ މެދު ފިޔަވަޅު އަޅާފައިނުވާކަމީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ މުއައްސަސާގައި ތިބި ނުފޫޒުގަދަ މަދު ބައެއްގެ ސަބަބުން މުޅި މުއައްސަސާ ކިލަނބުވެގެންދާ ކަމަށާއި ހޯމް މިނިސްޓަރު ވަޒީފާއާއި މަގާމުގެ ދަހިވެތިކަމުގައި ނުހުންނަވައި މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ވެސް އިދިކޮޅު އިއްތިހާދުގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އުމަރުގެ އިއުތިރާފާ ގުޅިގެން ނާޒިމް ވަގުތުން މިނިވަން ކުރަން ޖެހޭ: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ