ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ޖަމީލް މޫސާ، ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ.
ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. ތައުލީމީ ގޮތުން އެމަނިކުފާނަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޖަމީލް ވަނީ ފަނޑިޔާރުގެއިގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައެވެ. އެގޮތުން 23 ސެޕްޓެމްބަރު 2003 އިން 31 ޖަނަވަރީ 2009 އާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވިއެވެ. އޭގެ ފަހުން 1 ފެބްރުއަރީ 2009 އިން ފެށިގެން 21 ފެބްރުއަރީ 2019 އާ ހަމައަށް އެމަނިކުފާނު ހުންނެވީ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައެވެ.
ފަނޑިޔާރުކަމުގެ ދާއިރާގެ އިތުރުން، އަބްދުﷲ ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވައި، ގާނޫނީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ. އެމަނިކުފާނު މި މަގާމަށް އައްޔަން ކުރެއްވީ ޖޭއެސްސީން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުގައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޖަމީލް އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަކީ ހައިކޯޓުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ޖަމީލް މޫސާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ