އެމްޑީޕީގެ ޗެއާޕަސަނަކީ ޕާޓީ ހިންގަން މަގާމާ ހަވާލުވާ ބޭފުޅަކަށްވާތީ އެ މަގާމަށް އިންތިހާބުވާ ބޭފުޅަކަށް ކުރިއަށް އޮންނަ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތް ހަދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އަހްމަދު މީކާއިލް ނަސީމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މީކާއިލް މިހެން ވިދާޅުވީ އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވީ ގައުމުގައި އެތައް މައްސަލައެއް ހައްލުކުރަން ހުރި ފަދައިން އެމްޑީޕީގައިވެސް ހައްލުކުރަންޖެހޭ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އޭގެތެރެއިން އެއް ކަަމަކަށް އޭނާ ފާހަގަކުރެއްވީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ބޭފުޅަކަށް ކުރިއަށް އޮންނަ ރިޔާސީ ޕްރައިމަރީއެއްގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ.
"ޗެެއާޕާސަން ކަމަށް މި އަންނަނީ ޕާޓީ ހަރުދަނާކޮށް މެމްބަރުންނަށް ބާރުތަކެއް ހޯދައިދޭން. އެހެންކަމަށް ވާނަމަ ޗެއާޕާސަން އެބަޖެހޭ އެކަމަށް ހުސްވާން،" މީކާއިލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ވާންޖެހޭނީ ހުރިހާ ކަމެއްގައިވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރާ މީހަކަށް ކަމަށެވެ. އެހެންކަމަށްވާނަމަ ޕާޓީއަށް ލިބޭ ފައިސާ ހޭދަކުރާ ގޮތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެންބަރުންނަށް އެނގެންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިން ނަމަވެސް އެމްޑީޕީއަކީ ދައުލަތުން ދޭ ފައިސާއަށް ބަރޯސާވާ ޕާޓީއަކަށް ނުވުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. އަދި ޕާޓީއަށް ފައިސާ ލިބޭނެ ދެމެހެއްޓެނިވި ގޮތެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރާ މީހަކަށް އޭނާ ނުވާނެ ކަމަށާއި އަދި ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި މީހަކަށްވެސް އޭނާ ނުވާނެ ކަމުގައި މީކާއިލް ވިދާޅުވި އެވެ.
"އަޅުގަނޑަށް މި މަގާމު ލިބިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ ޒުވާން ސިޔާސީ ލީޑަރުން ބިނާކުރަން،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. މީކާއިލް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު (ވާޑު) ކިޔާ ބޭފުޅެކެވެ.
ޗެއާޕާސަން ރިޔާސީ ރޭހަށް ނިކުމެގެން ނުވާނެ: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ