ހިތަދޫ މެދު ދާއިރާގެ ބައިއިލެކްޝަން ކެމްޕެއިނުން މިނިސްޓަރު އިހުސާން ގެއްލިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ބައިއިލެކްޝަންގެ ކެމްޕެއިން ހަރަކާތްތަކުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެކަހެރިކޮށްފައިވާކަން ”ސަންގު“ އަށް އެނގިއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ކެމްޕެއިން ފެށުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއިން ވެސް މިނިސްޓަރު ފެނިފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކެމްޕެއިނުން ނުފެންނަނީ މިނިސްޓްރީއަށް މި ފަހުން ގެނައި ބަދަލުތަކާ ގުޅިގެން ރަސްމީ މަސައްކަތްތައް ހުރި ގޮތުން ވަގުތު ނުލިބޭތީ ކަމަށެވެ.
”މާލޭގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަން. އަދި އަޅުގަނޑުގެ އާއިލާގެ ބޭފުޅުން ވެސް ކެމްޕެއިންގައި އުޅުއްވާ،“ އިހުސާން ވިދާޅުވިއެވެ.
ކެމްޕެއިންގައި ބައިވެރިވުމަށް ޕާޓީއާއި ކެންޑިޑޭޓުގެ ފަރާތުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މި ފަހަރުގެ ކެމްޕެއިން އިހުސާނާ ހަވާލުނުކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ. އެއީ މީގެ ކުރިން އިހުސާންގެ ބެއްލެވުމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ކެމްޕެއިންތަކުގައި ޕީއެންސީއަށް ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، ފޭދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ކުރި ރިފަރެންޑަމްގައި ވެސް އިހުސާން އިސްކޮށް ހުންނަވައި ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެ ރިފަރެންޑަމްގައި ފޭދޫގެ 75 އިންސައްތަ ރައްޔިތުން ވޯޓު ދިނީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ ބައިއިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުﷲ ސޯދިހު (ސޯބެ) އެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ