އަލް ނަސްރު ބަލިކޮށް ގަމްބާ އޮސާކާ އިން އޭއެފްސީ ޗެމްޕިއަންސް ލީގު 2 ކާމިޔާބުކޮށްފި

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 17) - ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު 1-0 އިން ބަލިކޮށް، ޖަޕާނުގެ ގަމްބާ އޮސާކާ އިން އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ޗެމްޕިއަންކަަން ހޯދައިފި އެވެ. 
މި ނަތީޖާއާ އެކު، މީގެ ތިން އަހަރު ކުރިން އަލް ނަސްރަށް ބަދަލުވި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު، އެ ޓީމުން، ރަސްމީ މުބާރާތެއްގެ ތަށްޓެއް ހޯދަން ކުރަމުން އައި އިންތިޒާރު މި ވަނީ ދިގުލައިފަ އެެވެ. އެ ގޮތުން، އަލް ނަސްރާ ރޮނާލްޑޯ ގުޅުުނު ފަހުން އެ ޓީމުން ހަތަރު ފައިނަލުން ވަނީ ބަލިވެފަ އެވެ. 
އަލް ނަސްރުގައި ހުރެ، ރޮނާލްޑޯ ހޯދި ހަމަައެކަނި ތަށްޓަކީ، 2023 ވަނަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕް އެވެ. އެކަމަކު، އެއީ ރަސްމީ މުބާރާތެއް ނޫނެވެ. 
ގަމްބާ އޮސާކާ އިން އަލް ނަސްރު ބަލިކުރަން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ ޑެންޒެލް ހިއުމެޓް އެވެ. މި ލަނޑު ބަަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން ބަލައިފަ އެވެ. ވީއޭއާެރް އިން ބަލަން ޖެހުނީ އޮފްސައިޑް ނުވޭތޯ ޔަގީންކުރުމަށެެެވެ. 
އަލް ނަސްރުން މި މެޗުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދި ނަަމަވެސް ގޯލެއް ކާމިޔާބުނުކުރެވި ބަލިވީ އެވެ. 
ޖެހިޖެހިގެން 20 މެޗުން ބަލިނުވެ ފުރިހަމަ ކުރި އަލް ނަސްރު މިހާރު މި ވަނީ މި މަހު ކުޅުނު މެޗުތަކުން ތިން މެޗެއް މޮޅުނުވެ ނިންމާލަން ޖެހިފަ އެވެ. އެ ގޮތުން، ސައުދީ ޕްރޯ ލީގުގައި، މި މަހު 4 ވަނަ ދުވަހު ގަދްސިއާ އަތުން ބަލިވިއިރު، އެ މެޗުން ބަލިވެ، 20 މެޗަށް ފަހު އަލް ނަސްރުގެ ރެކޯޑަށް ނިމުން އަ އެވެ. އަދި، މީގެ ފަސް ދުވަސް ކުރިން، އަލް ހިލާލްއާ ފަހު ވަގުތު އެއްވަރުވެ، ސައުދީ ޕްރޯ ލީގު ހޯދަން އަލް ނަސްރަށް ވަނީ ފަަހު މެޗުގައި ނަތީޖާ ނެރެން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ