އެމެރިކާގެ ނިއުޔޯކް ސިޓީގެ މެދުތެރޭގައި ހުންނަ އާދައިގެ އޮފީސް އިމާރާތެއްގެ ތެރޭގައި ސިއްރު ފުލުހުންގެ މަރުކަޒެއް ހިންގައި، ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވެ، އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ކުށް ސާބިތުވެފައިވަނީ އުމުރުން 64 އަހަރުގެ ލޫ ޖިއަންވަންގްގެ މައްޗަށެވެ. އޭނާއަކީ ނިއުޔޯކްގައި ހުންނަ ޗައިނާގެ ކޮމިއުނިޓީ ގްރޫޕެއްގެ ރައީސްގެ މަގާމު ފުރަަމުންދިޔަ މީހެކެވެ.
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނާ ގޮތުގައި، ލޫ ވަނީ ޗައިނާ ސަރުކާރުގެ އަމުރަށް އެމެރިކާގައި ފުރަތަމަ ފަހަރަށް ގާއިމުކުރި ސިއްރު ފުލުހުންގެ މަރުކަޒު ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މި މަރުކަޒަކީ ބޭރު ފުށުން ބަލާއިރު ޗައިނާގެ ރައްޔިތުންނަށް ލައިސަންސް އާކުރުމާއި އިޖުތިމާއީ ކަންކަމުގައި އެހީތެރިވާ ތަނެއްގެ ގޮތުގައި ދެއްކި ނަމަވެސް، އޭގެ އަސްލު ބޭނުމަކީ ޗައިނާ ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ފާރަވެރިވެ، އެމީހުންނަށް ބިރުދެއްކުން ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ޗައިނާގެ އޮފިޝަލުން ވަނީ 2013 ވަނަ އަހަރު ޗައިނާ ދޫކޮށް އެމެރިކާއަށް ހިޖުރަކުރި އެ ގައުމުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހަކު ހޯދުމަށް ލޫގެ އެހީތެރިކަމަށް އެދިފައެވެ. މިފަދަ ސިއްރު މަރުކަޒުތައް ދުނިޔޭގެ 53 ގައުމެއްގައި 100 އަށްވުރެ ގިނަ ތަނުގައި ހިންގަމުންދާ ކަމަށް ތަހުގީގީ ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް ޗައިނާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ.
މި ހަފުތާގައި ލޫގެ މައްޗަށް ކުށް ސާބިތުވިއިރު، ކެލިފޯނިއާގެ އާކޭޑިއާގެ މޭޔަރު އައިލީން ވަންގް ވެސް ވަނީ ޗައިނާ ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުގެ ޕްރޮޕަގަންޑާ ފެތުރުމުގެ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ވަނީ ޗައިނާގެ ޒިންޖިއާންގް ސަރަހައްދުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަކީ ދޮގެއް ކަމަށް ބުނެ ލިޔުންތައް ޝާއިޢުކޮށްފަ އެވެ.
މި ދެ މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބެއިޖިންގައި ބައްދަލުކުރައްވައި، ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަވަނިކޮށެވެ. މާހިރުން ބުނާ ގޮތުގައި، މި ހާދިސާތަކުން ހާމަވަނީ ޗައިނާއިން ބޭރު ގައުމުތަކުގައި ތިބޭ އެ ގައުމުގެ ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާ މިންވަރެވެ.
ޖާސޫސީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ޗައިނާއިން ބޭރު ގައުމުތަކުގައި ހިންގާ މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ސަރުކާރާ ދެކޮޅު ހިޔާލުތައް ފެތުރުން ހުއްޓުވުމެވެ. މީގެ ތެރޭގައި މީހުންގެ ފޯނުތައް ހެކްކުރުމާއި، ސިއްރު މައުލޫމާތު ވަގަށް ނެގުމާއި، އަދި ޗައިނާގައި ތިބޭ އެމީހުންގެ އާއިލާތަކަށް ބިރުދެއްކުން ހިމެނެއެވެ. މިފަދަ މައްސަލަތައް ސާބިތުކުރުމަށް އެތައް އަހަރެއްގެ މަސައްކަތާއި ވަސީލަތްތައް ބޭނުންވާތީ، މިއީ އެމެރިކާގެ ތަހުގީގީ އިދާރާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ނިއުޔޯކްގައި ޗައިނާގެ ސިއްރު ފުލުހުންގެ މަރުކަޒެއް ހިންގި މީހަކު ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ