އައްޑޫ އެކްސިޑެންޓްގައި ހާލުދެރަވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އިއްޔެ ހަވީރު އައްޑޫސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ހާލު ދެރަވި މީހާ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
ހިތަދޫ ހިއްކި ސަރަހައްދުގައި މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް އިއްޔެ ލިބިފައިވަނީ، 16:50 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިގެންނެވެ. އެކްސިޑެންޓުގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު، ސީރިއަސް އަނިޔާތަކެއް ލިބުނީ އުމުރުން 41 އަހަރުގެ  ޑްރައިވަރަށެވެ.
އައްޑޫ  އިކުއެޓޯރިއަލް ހޮސްޕިޓަލުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ހާލު ދެރަވި މީހާ މިއަދު ހެނދުނުގެ ވަގުތެއްގައި އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވާލާފައިވާކަމަށެވެ. ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދެމުންދާއިރު، އަނިޔާވެގެން އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ތިން މީހަކު ވަނީ މިހާރު ދޫކޮށްލާފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ކާރު ދުއްވާފައިދަނިކޮށް ކޮންޓްރޯލް ނުކުރެވިގެންނެވެ. އެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުން ދަނީ މި ހާދިސާ ތަހްގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ