ރުބީނާއާއި އަބީނާވް، 2 ކުދިންނާ އެކު ރާއްޖޭގައި
ހިންދީ ޓީވީ ސިލްސިލާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ރުބީނާ ޑިލަކްއާއި ފިރިމީހާ އަބިނާވް ޝުކްލާ ދެ ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރުބީނާގެ އާއިލާއިން ރާއްޖެއަށް އައިސްފައިވަނީ ސީދާ ކޮން ދުވަހެއްގައި ހާމަކޮށްފައި ނެތަސް ބަތަލާ އަންނަނީ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ޅ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު މޭޔާފުށީގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ރުބީނާ ކެޕްޝަންގައި ލިޔެފައި ވަނީ، "އެކި މަންޒިލުތަކަށް ދަތުރު ކުރުމަކީ އަހަރެން އުފާވާކަމެއް، އަދި އޭގެ ސަބަބުން އަހަރެމެންގެ އާއިލާގެ ގުޅުން އިތުރުން ބަދަހިވޭ"، މިހެންނެވެ. މޭޔާފުށީގެ ހިތްގައިމު މާހައުލުގައި ނަގާފައިން ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ބަތަލާ ބުނީ، އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ މެހެމާންދާރީއަށް ޝުކުރުއަދާކުރާ ކަމަށެވެ. ރުބީނާ ޑިލަކް އާއި ފިރިމީހާ އަބިނާވް ޝުކްލާ މޭޔާފުށީގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރުބީނާގެ އާއިލާއިން މޭޔާފުށީގައި ހޭދަކުރާ ކޮންމެ ރެއަކަށް 2.2 ލައްކަ އިންޑިއަން ރުޕީސް ޚަރަދުވެއެވެ. ކަލަސް ޓީވީއިން ގެނެސްދިން 'ބިގް ބޮސް 14'ގެ ޓްރޮފީ ކާމިޔާބުކޮށްފައިވާ ބަތަލާގެ މަޝްހޫރު ޓެލެވިޒަން ޑްރާމާތަކުގެ ތެރޭ، "ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ހިމެނެއެވެ. ރުބީނާގެ ފިރިމީހާ އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެއެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" އަދި "ސިލްސިލާ ބަދަލްތޭ ރިޝްތޯންކާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ