ޑިޖިޓަލް ތަަރައްގީގައި އަންހެން ކުދިން ބައިވެރިވުމަށް ރައީސް ގޮވައިލައްވައިފި

ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މައިގަނޑު ބާރުވެރިން ކަމުގައި އަންހެންކުދިން ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ”އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ“ ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ”އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ“އެވެ.
ރައީސްގެ މެސެޖުގައި މި ޝިޢާރާއި ދިވެހި ސަރުކާރުން ޓެކްނޮލޮޖީއަށް ދޭ އިސްކަމާ ހުރި ގުޅުން ފާހަގަކުރައްވައި، ސަރުކާރު ހިންގުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާ ހަރުދަނާކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭއައިގެ ތަރައްގީގައި އަންހެން ކުދިން ޝާމިލުވުމަކީ ހަމައެކަނި ބައިވެރިވުމެއް ނޫނެވެ. އެއީ މުޖުތަމައުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށާއި، އޭގެ ސަބަބުން މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްގީގައި އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ”މޯލްޑިވްސް 2.0“ ތަސައްވުރުގެ ދަށުން، އައިސީޓީ ދާއިރާގައި ކުރިން އަންހެނުންގެ ހިއްސާ މަދު ދާއިރާތައް ކަމަށްވާ ރޮބޮޓިކްސް، އޭއައި، ކޮމްޕިއުޓަރ ޕްރޮގްރާމިން އަދި ޑިޖިޓަލް އިގްތިސާދުގައި އަންހެން ކުދިންނަކީ ބަސް ކިޔޭފަދަ ބާރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަންހެން ކުދިންނަކީ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ އިތުރުން، އެ ދާއިރާގައި އުފެއްދުންތެރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ