ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކޮށްފި
އީރާނާއެކު ވެފައިވާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.އަންގާރަ ދުވަހު ޓްރަމްޕް މި ނިންމުން ނިންމަވާފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކާއި، ސުލްޙައިގެ ވާހަކަ ތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ހިންގާ ބްލޮކޭޑް ކުރިއަށް ގެންދިއުމަށާއި، އެ ނޫން ހުރިހާ ގޮތަކުން ވެސް އަސްކަރިއްޔާ ތައްޔާރީ ހާލަތެއްގައި ބޭއްވުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި އީރާނުން ހުށަހެޅުމެއް ހުށަހަޅައި، އެކަމާ މެދު ކުރެވޭ މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.ޓްރަމްޕް ވިދާޅުވީ އީރާންގެ ބަނދަރުތަކާއި، އައްސޭރި ފަށުގެ ސަރަހައްދުތައް އެމެރިކާގެ ކަނޑުގެ ސިފައިން މެދުވެރިކޮށް ބަންދު ކޮށްފައި އޮތް އޮތުން ކުރިއަށް ގެންދަވާނެ ކަމަށެވެ. މިއީ ހަނގުރާމައިގެ އަމަލެއް ކަމަށް އީރާން އިން ބުނަމުންދާއިރު، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް މަންދޫބުން ފޮނުވުމާ މެދު އީރާން އިން އޮތީ ވަކި ގޮތެއް ނުނިންމަ އެވެ. ޓްރަމްޕްގެ މި ބަޔާނާ ގުޅިގެން އީރާނުން ވަގުތުން ރައްދެއް ދީފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ، މިކަމާ މެދު އީރާނުން ގެންގުޅޭ ސިޔާސަތު ފަހުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ