މަރުވި މީހުންގެ ބަދަލު ހިފާނަން؛ ހޯރްމޫޒް ނުހުޅުވާނަން: އީރާނުގެ އާ ލީޑަރު

އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކޮށް، ބައިނަލްއަގުވާމީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށް، އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ ފުރަތަމަ ފަހަރަށް ދެއްވި ބަޔާނުގައި މިއަދު ވައުދުވެވަޑައިގެންފި އެވެ.
އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަވި އާޔަތުއްލޯ އަލީ ހާމަނާއީގެ ފަހަތްޕުޅުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ބަޔާނުގައި މުޖްތަބާ ހާމަނާއީ ވިދާޅުވީ، އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
"ޝަހީދުންގެ ލޭގެ ބަދަލުހިފުމުގައި އަޅުގަނޑުމެން ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަން،" ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ ދިފާއުގައި ވަރުގަދަ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންގެ އެދުމެއް ކަމަށާއި، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ ބޭނުންކުރަންޖެހޭ މުހިންމު ވަސީލަތެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ފަހުން ވަނީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ މަގު ބަންދުކޮށްފައި ބާއްވާނެކަން ކަށަވަރުކޮށްދީފަ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 މި ކަނޑުއޮޅި މެދުވެރިކޮށް އުފުލާއިރު، މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފަ އެވެ.
މުޖްތަބާ ހާމަނާއީގެ ބަޔާނަށް ފަހު، އިރާގުގެ ބަނދަރެއްގައި އޮތް ތެޔޮ އުފުލާ ދެ އުޅަނދެއްގައި ވަނީ ރޯކޮށްލާފަ އެވެ. މި ހަމަލާދީފައިވަނީ އީރާނުގެ ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދުތަކަކުން ކަމަށް ބެލެވެ އެވެ. މި ހާދިސާގައި އެކަކު މަރުވެފައިވާއިރު، މީގެ ކުރިން ވެސް ގަލްފު ސަރަހައްދުގައި ބައެއް އުޅަނދުތަކަށް ވަނީ ހަމަލާދީފަ އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ބޮމުގެ ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 2,000 މީހުން މަރުވެފައިވެ އެވެ. ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ (އައިއީއޭ) އިން ސިފަކުރާ ގޮތުގައި، މިއީ ތާރީހުގައި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އައި އެންމެ ބޮޑު ހުއްޓުމެވެ.
ތެލުގެ އަގު މިހާރު ވަނީ ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި ސަރަހައްދީ ހަމަނުޖެހުންތައް މިގޮތަށް ކުރިއަށްދާ ނަމަ، ތެލުގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ކުރިން ދީފަ އެވެ.
ހަމަލާތައް ވަރުގަދަވަމުން ދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން މިހާރު ވެސް ހަނގުރާމަ ކާމިޔާބުކޮށްފި ކަމަށެވެ. ކެންޓަކީގައި އޭނާގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ، މަސައްކަތް ނިންމާލުމަށްޓަކައި ވޮޝިންޓަނުން މިކަމުގައި ދެމިއޮންނާނެ ކަމަށެވެ.
އީރާނުގެ އެތެރޭގެ ހާލަތަށް ބަލާއިރު، މަގުމަތީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހަފުތާތަކެއް ވަންދެން ބޮމުގެ ހަމަލާތައް ދެމުންދިޔަ ނަމަވެސް، އީރާނުގެ ވެރިން އަދިވެސް ތިއްބެވީ ގައުމުގެ ފުރިހަމަ ކޮންޓްރޯލްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ