ހޫނު ގަދަ ދުވަސްތަކަކަށް ފަހު މި ހަފުތާ އޮތީ ވިއްސާރަ

ހޫނުގަދަ ދުވަސްތަކަކަށް ފަހު މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނުގަދަ އެވެ. މިދިޔަ މާޗު މަހުން ފެށިގެން އިއްޔެ ނިޔަލަށް ވެސް އުތުރާއި މެދު ރާއްޖެ ތެރެއަށް ވަރަށް ހޫނުގަދަވި އެވެ.
ތަފްސީލް - މެޓުން ބުނި ގޮތުގައި:
މިއަދު ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ، އަދި ގުގުރުން އެކަށީގެންވޭ
މާދަމާ އާއި އަންގާރަ ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ
ބުރާސްފަތި ދުވަހު އަނެއްކާ ވެސް ވިއްސާރަ ކުރާނީ ދެކުނަށް އެކަނިކަމަށް
"އުތުރަކަށް މި ވިއްސާރައެއް ނުފޯރާނެ. އެކަމަކު ހޫނު މަޑުވާނެ ކަމަށް މި ލަފާކުރެވެނީ،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޫނު މޫސުން އަދިވެސް އޮތީ ކުރިއަށް ކަމަށާއި ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އޭޕްރީލް މަހުގެ ނިޔަަލަށް ހޫނުގަދަ ވާނެ ކަމަށެވެ.
އެނގުން މުހިއްމު - އިއްޔެ މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން %37 ޑިގްރީއަށް އެރި އެވެ. އަދި މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ހޫނުމިން ހުރީ އެ މިންވަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ