ލާންކާގައި ތާށިވެފައި ހުރި ގިނަ އަދަދެއް ކޮންޓެއިނަރު މިހާރު ކްލިއާކުރެވިއްޖެ: ވަޒީރު ސަޢީދު

ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވަނީ އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފައެވެ. އަދި މިކަން ކަށަވަރުކުރުމަށް ރާއްޖެއަށް މުދާ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.
ވަޒީރު ސައީދު ވިދާޅުވީ، މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދުގައި 1,200 ކޮންޓެއިނަރުގެ މުދާ ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިމްޕޯޓް އިތުރުވެފައިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.
ލަންކާގެ ބަނދަރުގައި ހުރި ކޮންޓެއިނަރތައް ކްލިއަރކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުުރުން، ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާތައް ގެނައުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްދާއިރު، ތެލުގެ ޝިޕްމަންޓްތައްވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދާކަން ވަޒީރު ކަށަވަރުކޮށްދެއްވިއެވެ. އަދި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އޮތުމަކީވެސް މިފަދަ ކަންކަމުގައި ލިބޭ ފަސޭހައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ