ވިލިމާލޭގައި އޮތް މަދު ގުދުރަތީ ފެހި ސަރަހައްދުތަކުގެ ތެރެއިން ފުނަވައު ސަރަހައްދުގައި ސަރުކާރުން އަޅަން ނިންމި ފްލެޓް މަޝްރޫއުއާ ގުޅިގެން އިހުތިޖާޖުކުރުން ގިނަވެފައިވަނިކޮށް، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅާ ސަރަހައްދު ބަދަލުކުރަން ނިންމައިފި އެވެ.
ވީކިހިނެއް؟ - ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމިއްޔާތަކާއި ހަރަކާތްތެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ:
ފުނަވަލުގެ ސަރަހައްދުގައި 17 ބުރީގެ 3 ޓަވަރު އެޅުމަށް، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފައިވާތީ
ވިލިމާލޭގައި 50އަށް ވުރެ ގިނަ ގަސްތަކެއް ހުރި ސަރަހައްދެއްގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ
މީގެ ތެރެއިން ޓަވަރެއް އެހެން ސަރަހައްދެއްގައި އެޅުމަށް ނިންމިކަން އިއުލާންކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
ތަފްސީލް - މުއްތޮލިބް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މާލެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތް ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި ހަމައެހެންމެ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީ ވެސް ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށެވެ.
މާލޭ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ގިނަ ބިންތަކަކީ ގޯތި ދޫކޮށްފައިވާ ބިންތަކަށް ވާތީ، ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މީހުންނަށް ފްލެޓް އިމާރާތްކުރުމަށް ހުރި ބިން މަދުވުމަކީ ގޮންޖެހުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ގޮތުން ވިލިމާލޭގައި އިމާރާތްކުރާ 300 ފުލެޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީ އާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ހަރަކާތްތެރިން ގޮވާލަމުން ދަނީ މުޅި އެ ސަރަހައްދު ހިމާޔަތްކޮށް ބޭއްވުމަށް ޓަކައި ތިން ޓަވަރުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.
އެ ކަމުގައި އިސްކޮށް އުޅުއްވާ އެއް ހަރަކާތްތެރިޔާ، އަހުމަދު މުހައްމަދު (ފޯމީ) 'ދައުރު'އަށް ވިދާޅުވީ ފުނަވަލުގެ ވަށައިގެން އެހާ ކައިރީގައި އަޅާ ދެ ޓަވަރުގެ ސަބަބުން ވެސް އެ ސަރަހައްދަށް އަސަރުތައް ކުރާނެ ކަމަށެވެ. އެހެންކަމުން އެންމެ ޓަވަރެއް ބަދަލުކުރުމަކީ އަދި ހިތްހަމަޖެހެވޭނެ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ފުނަވަލުގައި އަޅަން އުޅުނު 1 ޓަވަރު އެެހެން ތަނަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ