ދިރާގުން ހިއްސާއަކަށް 8.70 ރުފިޔާ ބަހަނީ
ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، މިދިޔަ އަހަރުގެ އާމްދަނީން ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ނިންމައިފިއެވެ. ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައި ވަނީ ޖެން މޯލްޑިވްސް، މާލޭ ބައި ޝަންގްރިއްލާގައި، އެ ތަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ. އެ ޖަލްސާގައި 265 ހިއްސާދާރުން ބައިވެރިވުމަށް ރަޖިސްޓްރީވިއިރު އޭގެ ތެރޭގައި 136 ހިއްސާދާރުންނާއި 129 ހިއްސާދާރުންގެ ޕްރޮކްސީ ހިމެނެއެވެ. ދިރާގުން ބުނީ، ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށް ކަމަށެވެވެ. އެގޮތުން، 74.2 މިލިއަން ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ފަސް ރިޒޮލިއުޝަން ހިއްސާދާރުން ފާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހިއްސާދާރުން ފާސްކުރި ރިސޮލިއުޝަންތަކަކީ: 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން. 2025 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން. 2026 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން. 2026 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން. ކުންފުނީގެ 39ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް، އާސިއަތް ރިލްވީނާ އިންތިޚާބުކުރުން. މިދިޔަ އަހަރު ދިރާގުން ހާއްސިލުކޮށްފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝާން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައި، ނ. ވެލިދޫގައި ދިރާގުގެ ތިން ވަނަ ޑޭޓާ ސެންޓަރު ހުޅުވުން ހިމެނެއެވެ. ދިރާގުން ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ހައި-ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް، ދިވެހި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ހަދާނީ ފިލައެއް އެރުވުމަކީ ވެސް، މިދިޔަ އަހަރު ހޯދި ކާމިޔާބީއެއްކަން ފާހަގަކޮށްފައެވެ. އެއާއެކު، ދުނިޔޭގެ ނިސްބަތުން އެ ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އިތުރު ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ: 93 ޕަސެންޓް މުވައްޒަގުންގެ ބައިވެރިވުމާއެކު، 'ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަން ހާސިލުކުރުން. ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު، ކްލައުޑް ކޮމްޕިއުޓިން، ސައިބަ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ހަރުދަނާކުރުން. ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ގޮތުން، ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަޝްރޫއުގައި ބައިވެރިވުމާއި، ގޫގަލްއާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު. ދިރާގުން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 1.8 ޕަސެންޓް އިތުރު އަދަދެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެއީ ދިރާގުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުން ބުނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 2025 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ 1.9 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި، 2024 އަށް ވުރެ 0.4 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައި ކަމަށް ވެސް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނޭކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ