ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް އަންގައިފި

މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމާއި، އެ ތަންތަނުގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި އެހެނިހެން ވިޔަފާރިތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.
އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގޯތިތަކާއި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، ކުރިއަށް އޮތް ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ގަވާއިދުގައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ކަމެއް އިސްލާހުކޮށް ނިންމަންޖެހޭނެއެވެ. މި ގަވާއިދު މިހާރު އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ގަވާއިދާ އެއްގޮތަށް އިސްލާހުނުކޮށް ހުންނަ ތަންތަނާ މެދު، އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ހުޅުމާލެ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެޗްޑީސީ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ދެވިފައިވާ މުއްދަތުގެ ތެރޭގައި ގަވާއިދަށް ބޯލަނބައި، ކަންކަން އިސްލާހުކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ