އެމްއޭސީއެލްގެ "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ”ސްޓްރެޗިން ޕްރޮގްރާމް“ ރަސްމީކޮށް އިފުތިތާހުކޮށް, ”ސްޓްރެޗް އެންޑް ވެލްނެސް“ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ހުޅުލޭގައި މިއަދު ބޭއްވި އެ ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ, އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުން ކަމަށެވެ.
މި ފެއާގެ ތެރެއިން އިފުތިތާހުކުރި "ސްޓްރެޗިން ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި, ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ މި ފެއާ ކުރިއަށް ގެންދިޔައީ އޭޑީކޭ, ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީއާ ގުޅިގެން ކަމަށެވެ.
މި ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ