އިރާނުގެ ތެޔޮ އުފުލާ ޗައިނާގެ ބޯޓުތައް ހުއްޓުވާނަން: އެމެރިކާ

އިރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ޗައިނާގެ ތެޔޮ ބޯޓުތައް އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިންޒާރު ދީފިއެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، އިރާނުގެ ބަނދަރުތައް ބަންދުކުރުމަށް ހިންގާ އޮޕަރޭޝަނަކީ ވަކި ގައުމަކަށް ބެލުމެއް ނެތި، ހުރިހާ ގައުމަކަށް ހަމަހަމަކޮށް ހިންގާ ބްލޮކޭޑެއް ކަމަށެވެ. އެގޮތުން އިރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދެއް ހުއްޓުވައި ފާސްކުރާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަން ވަރުގަދަކުރުމުގެ ގޮތުން އެމެރިކާގެ ނޭވީގެ ގައިޑަޑް މިސައިލް ޑިސްޓްރޯޔަރުތައް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިއީ އިރާނުން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން، އިރާނުގެ އާމްދަނީ ލިބޭ މަގުތައް ބަންދުކޮށް، އެ ގައުމުން ހިންގާ ހަނގުރާމަތަކަށް ފަންޑުކުރުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެއެވެ.
މި ބްލޮކޭޑްގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ހާއްސަކޮށް "ޑާކް ފްލީޓް" ނުވަތަ ސިއްރުން ތެޔޮ އުފުލާ ބޯޓުތައް ހުއްޓުވުމަށް އެމެރިކާ އާއި އިސްރާއީލުގެ އަސްކަރިއްޔާއިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ