ﷲ ތަޢާލާ ހުއްދަކުރެއްވި ގޮތުގައި ޢީދުގެ އުފާ ފާހަގަކުރަމާ!

ޢީދުދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް ޢީދެއްވާ ފަދައިން، މުސްލިމުންނަށްވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ. އެއީ ރަމަޟާންމަހުގެ ރޯދައާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްޙާ ޢީދު ދުވަހެވެ. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ރަމަޟާންމަހުގެ ރޯދައާ ގުޅިގެން ބައްދަލު ކުރި ފިޠުރު ޢީދުގެ އުފަލެވެ.
ފިޠުރު ޢީދަކީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން އަދާކޮށް އެ މަސް ނިމުމާއެކު މުސްލިމުން ފާހަގަކުރާ އުފާވެރިކަމުގެ މުނާސަބަތެކެވެ. ޢީދު ފާހަގަކުރާއިރު ރަމަޟާން މަސް ނިމުނުނަމަވެސް އަޅުކަން ކުރުން މަތީ ދެމިތިބުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ރޯދަމަހު ލިބިގަތް ފިލާވަޅުތަކުން އިތުރުވި އިމާންކަން ދެމެހެއްޓުމަށް މަަސައްކަތް ކުރުމަށާއި ޝައްވާލު މަހުގެ 6 ރޯދައަށް ސަމާލުކަންދިނުން މުހިންމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފިޠުރު ޢީދު ފާހަގަކުރަނީ އެކި ގޮތަށެވެ. އެހެންނަމަވެސް ޢީދުން ކޮންމެ މުސްލިމު މުޖުތަމަޢަކަށް ވެސް ގެނެސްދެނީ އެއް ކަމެކެވެ. އެއީ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިވުމެވެ. ޢީދު ދުވަސް މުސްލިމުން ފަށަނީ ޢީދު ނަމާދުންނެވެ. މިއީ ބޮޑު ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޢީދު ނަމާދު ނިންމުމުން އެކަކު އަނެކަކާ ސަލާންގަލާންކުރާ ކުރުމުން މުސްލިމުންގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދައްކުވައިދެއެވެ. ޢީދު ނަމާދަށްފަހު ޢީދު ސައެއް އޮވެއެވެ. ޢީދު ސައިންވެސް އެކަކު އަނެކަކާ ބައްދަލުވެ އަނެއްކާވެސް އުފައްދައިދެނީ އެއްބައިވަންތަކަމުގެ ރޫޙެވެ.
ޢީދަކީ އުފާވެރިކަމާއި ހިނިތުންވުމުގެ މުނާސަބަތެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި އުޅޭ މުސްލިމުން ކުލަގަދަކޮށް ފާހަގަކުރާ އިސްލާމީވަންތަ މުނާސަބަތެކެވެ. ހަމައެހެންމެ ޢީދަކީ އަރުހުށި މާތް ﷲ އަށް ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމުގެ ދުވަހެއްވެސްމެއެވެ.
ޢީދު ދުވަހު ކުރުން ސުންނަތް ބައެއް ކަންތައްތަކުގެ ތެރޭގައި ޢީދުގެ ތަކުބީރު ކިޔުމާއި ޢީދު ނަމާދަށް ހިނައިގަތުމާއި ރީތި ފޭރާންލުން ލުމާއި ފިޠުރު ޢީދަށް ދިއުމުގެ ކުރިން ކަދުރު ކެއުމާއި ޢީދު ނަމާދަށް ދިޔުމާއި އައުމުގައި ދެ މަގެއް ޚިޔާރުކުރުމާއި ޢީދު ތަހުނިޔާ ކިޔުމާ އަދި ކައިބޮއެ، ކުޅެ، އުފާފާޅުކުރުން ހިމެނެއެވެ.
ޢީދު ދުވަހުގައި އެންމެހާ މުންކަރާތްތަކާ ދުރުހެލިވުން މުހިއްމެވެ. އަދި ރަމަޟާން މަހުގައި ލިބުނު ދަރުމައާއި ޘަވާބު އެދުވަހުގައި ގެއްލެނި ނުކުރާށެވެ. ޢީދު ފާހަގަ ކުރުމުގައިވެސް ނަމާދުތަކަށް ފަރުވާ ކުޑަނުކުރުމަށާއި އިސްލާމްދީން ނަޙިކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ ﷲ ތަޢާލާ ހުއްދަކުރެއްވި ގޮތުގައި ޢީދުގެ އުފާ ފޯރިގަދަކޮށް ފާހަގަކުރާށެވެ.
ރަމަޟާން މަހުގެ އަޅުކަމުގެ މޫސުމަށް ފަހުގައި އަންނަ މި މަތިވެރި ޢީދުގައި ނަމާދަށް ފަރުވާތެރިވުމާއި ރޭ އަޅުކަން ކުރުމާއި ކީރިތި ޤުރުއާން ކޮންމެ މަހަކުވެސް މަދުވެގެން އެއް ފަހަރު ޚަތިމުކުރުމަށް ތާވަލެއް ހަދާލުމާއި ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ. އަދި އެމީހަކަށް ކުޅަދާނަކަން ހުރި މިންވަރަކުން ސުންނަތް ރޯދަތައް ހިފުމާއި އެމީހަކަށް ފައިސާ ލިބޭ ނިސްބަތުން ކިތަންމެ ކުޑަމިންވަރެއް ވިޔަސް ދާއިމީ ގޮތެއްގައި ޞަދަޤާތް ކުރުމަށާ ހެޔޮކަމުގެ މަތީގައި މަރުވަންދެންވެސް ޘާބިތުވެ ހުރުމަށް ޢަޒުމް ކަނޑައަޅާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ