'އެވެޓާ 3'އަށް މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 500 މިލިއަން ޑޮލަރަށް
މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ދޫކޮށްލި ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިސް "އެވެޓާ"ގެ ތިން ވަނަ ބައި ރިލީޒްކުރިތާ ހަފްތާއެއްވީއިރު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 500 މިލިއަނަށް އަރައިފިއެވެ. މި ފިލްމަށް އިންޑިއާގައި ވެސް ލިބެމުން އަންނަ ތަރުހީބު ބޮޑުވެފައިވާއިރު މިއީ މި އަހަރު ރިލީޒްކުރި ހޮލީވުޑް ފިލްމުތަކުގެތެރެއިން އިންޑިއާގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިނގިރޭސި ފިލްމަށް ވަނީ ވެފައެވެ. މި ފިލްމަށް ލިބެމުން އަންނަ ތަރުހީބާ އެކު ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުން "އެވެޓާ"ގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން އަކީ ބޮކްސް އޮފީހުގެ ކިންގްކަން ސާބިތުކޮށްދީފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "އެވެޓާ"ގެ ތިން ވަނަ ބައި "އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދޮށީ ދަރިފުޅު ނެތެޔަމްގެ މަރަށްފަހު އެ ހިތާމައިގައި އުޅެނިކޮށް ޖޭކް އާއި ނޭތުރީ ޕެންޑޯރާގެ އެހެން ގަބީލާއަކާ އެކު ކުރާ ހަނގުރާމައިގެ މައްޗަށެވެ. އެއީ އެމީހުންގެ ހަތިޔާރަކަށް އަލިފާން ގެންގުޅޭ ބައެކެވެ. އެހެންވެ ފިލްމުގެ ނަން ވެސް ގުޅުވާފައި ވަނީ އެ ތީމާ އެއްގޮތަށެވެ. ހޮލީވުޑްގެ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑް-ޑޭ މި ފަހަރުގެ ފިލްމުގެ ލީޑު ރޯލްތައް ކުޅެފައިވާ ތަރިންގެތެރޭ ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ، ސެޓްފަން ލާންގް، އޫނާ ޗަޕްލިން އަދި ކޭޓް ވިންސްލެޓް ހިމެނެއެވެ. އެމެރިކާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޖޭމްސް ކެމެރަން 2009 ވަނަ އަހަރު ގެނެސްދިން "އެވެޓާ" އަކީ މިހާތަނަށް ފިލްމީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނެސްދިން ކާމިޔާބު ފިލްމަކަށް ވަނީ ވެފައެވެ. ފިލްމު "އެވެޓާ"ގެ ދެވަނަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 2023 ވަނަ އަހަރުއެވެ. އެއީ "އެވެޓާ: ދަ ވޭވް އޮފް ވޯޓަ"އެވެ. މި ފްރެންޗައިސްގެ ތިން ވަނަ ފިލްމު މި އަހަރު ރިލީޒްކޮށްފައި ވާއިރު ހަތަރު ވަނަ ފިލްމު ގެނެސްދެނީ 2027ގައެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ