އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން އާއި ރޮކެޓް ހަމަލާތަކެއް ދީފި

އިރާގުގެ ވެރިރަށް ބަގްދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް އީރާނުން ރޮކެޓާއި މަދުވެގެން ފަސް ޑްރޯން ބޭނުންކޮށްގެން ރޭ ފަތިހު ހަމަލާދީފައިވާއިރު، މިއީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް އިރާގުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މަންޒަރުދުށް މީހަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، މަދުވެގެން ތިން ޑްރޯން އެމްބަސީއާ ދިމާލަށް ދަތުރުކުރި އެވެ. އޭގެ ތެރެއިން ދެ ޑްރޯން ސީ-ރޭމް އެއާ ޑިފެންސް ސިސްޓަމުން ހުއްޓުވި ނަމަވެސް، ތިންވަނަ ޑްރޯން އެމްބަސީގެ ގޯތިތެރެއަށް އަރައި އެ ސަރަހައްދުން އަލިފާނާއި ދުން އަރާފައިވެ އެވެ. އިރާގުގެ ވެރިރަށުގެ އެކި ހިސާބުތަކަށް ގޮވުމުގެ އަޑު އިވިފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން އެމެރިކާ އެމްބަސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ހަމަލާ ދީފައިވަނީ މިދިޔަ މަހުގެ 28ގައި ހަނގުރާމަ ފެށުނު ފަހުން، އިރާގުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނާ ގުޅުން އޮންނަ ހިޒްބުއްލޯ ޖަމާއަތުން އިއްޔެ ވަނީ އެ ޖަމާއަތުގެ އިސް ކޮމާންޑަރަކު މަރުވިކަން އިއުލާންކޮށްފަ އެވެ. އަދި އަލް-ގާއިމް އަވަށަށް ދިން ވައިގެ ހަމަލާތަކެއްގައި އިރާގުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްގެ މަދުވެގެން އަށް ހަނގުރާމަވެރިން މަރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާއަށް ފަހު އިރާގުގެ ސަލާމަތީ ބާރުތަކުން ވަނީ ބަގްދާދުގެ އެކި ސަރަހައްދުތަކަށް ނުކުމެ، ސަރުކާރުގެ އިދާރާތަކާއި ބޭރުގެ އެމްބަސީތައް ހުންނަ ސަލާމަތީ ގޮތުން ވަރުގަދަ ގްރީން ޒޯން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ