ތަދުމަޑުކަމުގެ މި ޙާލަތުގައި އަހުރެމެންގެ ޒިންމާ އަކީ ކޮބާ؟
ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރުތައް އަހުރެމެން ދިވެހީން ވެސް މިދަނީ ތަޖުރިބާ ކުރަމުންނެވެ. އެއީ ތެލުގެ އަގު އުފުލުމާއި ކާބޯތަކެތީގެ އަގު ބޮޑުވުމެވެ. ދުނިޔޭގެ ދަތުރުފަތުރަށް ބުރޫއަރައި އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވުމެވެ. މީގެ ސަބަބުން، ކުރިން ލަފާކުރެވިފައި ނުވާ ތަދުމަޑުކަމެއް މިވަނީ ކުރިމަތިވެފައެވެ. މި ޚުތޫރަތްތެރި ދަނޑިވަޅުގައި ކުރިމަތިވާ ދަތިކަމުން އަރައިގަތުމަށް ނުވަތަ އެކަންކަން ކުޑަ ކުރުމަށް ޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެކެވެ. ވީމާ، މި މުހިންމު ޒިންމާ އަދާކުރުމުގައި ޢަމަލު ކުރެވިދާނެ ގޮތްތަކާ މެދު މި މަޒުމޫނުގައި ބަލައިލާނަމެވެ. އިސްރާފުނުކުރުން ތިޔާގިކަމާއި ތަދުމަޑުކަމުގެ ޙާލަތުގައި ވެސް އިސްރާފު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި ވަކީން ޚާއްސަކޮށް، ބާޒާރުގައި ތަކެތި މަދުވާ ވަގުތު ކޮންމެ އެއްޗެއްވެސް ބޭނުންކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކުގައެވެ. އިސްރާފުކުރުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ((وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ)) (އަލްއަޢުރާފް، 31). "... އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ". އިސްރާފުކުރުމުން ސަލާމަތްވުމަށް ޓަކައި ކުރެވޭނެ ކަންތައްތައް: ލިސްޓެއް ހަދައިގެން ބާޒާރުކުރުން: ކޮންމެހެން ބޭނުންވާ ތަކެތި ނޫނީ ނުގަތުމާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތަކެތި ނުގަތުން. ކާބޯތަކެތި ބެލެހެއްޓުން: ކާބޯތަކެތި ތައްޔާރުކޮށް އެ ވަގުތަކަށް ކައިބޮއެ ހެދުމަށްފަހު ބާކީވާ ބައި އުކައިނުލާ ފަހަށް ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. ތަކެތީގެ މުއްދަތު ހަމަވާ ތާރީޚަށް ސަމާލުވުން: ގޭގައި ހުރި ތަކެތީގެ ތެރެއިން މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެއްޗަށް އިސްކަންދީގެން ބޭނުންކުރުން. ކަރަންޓާއި ފެން އިޤްތިޞާދުކުރުން: ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކި ފަންކާ އަދި އޭސީ ނިއްވާލުމާއި ފެން އިސްރާފު ނުކުރުމަށް ސަމާލުކަންދިނުން. (ކުޑަކުދީންނަށް ވެސް މީގެ މުހިންމުކަން ވިސްނައިދީ އެ ކުދީން ވެސް މި ކަންކަމަށް އަހުލުވެރި ކުރުވަންވާނެއެވެ.) ތަކެތި އަލުން ބޭނުންކުރުން: އެއްޗެއް ހަލާކުވުމުން އެއްލައިލުމުގެ ބަދަލުގައި، އެ މަރާމާތުކޮށްގެން ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރެވޭތޯ ބެލުން. އަމިއްލައަށް ކާނާ އުފެއްދުމަށް މަސައްކަތްކުރުން ގޭގައި ގަސް ހެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ކުޑަ ޖާގައެއް އޮތް ނަމަވެސް، އާންމުކޮށް ބޭނުންކުރާ އަދި ފަސޭހައިން ހެދޭ ބާވަތްތަކުގެ ގަސްގަހާގެހި ހެއްދިދާނެއެވެ. މިއީ ބާޒާރުން މިފަދަ ތަކެތި ގަންނަން ކުރާ ޚަރަދު ސަލާމަތްކޮށްދީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަށް ވާނެއެވެ. ފަހަށް ރައްކާކުރުން ފަހަށް ރައްކާކުރުމަށް އިސްލާމްދީނުގައި ސީދާކޮށް އިރުޝާދު ދެއްވާފައިވެއެވެ. މިއީ މާތްﷲ އަށް ވަކީލު ކުރުމާ އިދިކޮޅު ކަމެއްނޫނެވެ. ފަހަށް ރައްކާ ކުރުމަކީ ދުރާލާ ރޭވުންތެރިވުމާއި ސަބަބުތަކުގައި ހިފުމެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. ((إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ اَلنَّاسَ)) (ޞަޙީޙުލްބުޚާރީ، 1295) "ހަމަކަށަވަރުން، ތިބާގެ ވާރުތަވެރިން މީސްތަކުންގެ ގާތުގައި ސަލާންޖަހަން އުޅޭ ޙާލުގައި (ފަގީރުންގެ ގޮތުގައި) ދޫކޮށްލުމަށްވުރެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކު ކަމުގައި ދޫކޮށްލުން މާ ހެޔޮކަން ބޮޑެވެ". މިއީ ޢާއިލާގެ މުސްތަޤުބަލަށް ޓަކައި ފަހަށް ރައްކާކުރުމުގެ މުހިންމުކަން އަންގައިދޭ ބަސްފުޅެކެވެ. ފަހުން އަގުބޮޑުކޮށް ވިއްކުމަށް ޓަކައި މުދާ ފޮރުވާފައި ނުބެހެއްޓުން (އިޙްތިކާރު ނުކުރުން) ދަތި ދަނޑިވަޅުތަކުގައި ބައެއް މީހުން މުދާ ގަނޑުކޮށް ގަނެ ފޮރުވައި، އަގުބޮޑުވުމުން ވިއްކަން މަސައްކަތް ކުރެއެވެ. މިއީ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. ((لَا يَحْتَكِرُ إِلَّا خَاطِئٌ)) (ޞަޙީޙު މުސްލިމް، 1605) "މުދަލުގެ އަގު އުފުލެންދެން، އެ މުދާ (ބާޒާރަށް ނުނެރެ) ހިފަހައްޓާ މީހަކީ ފާފަވެރިއަކު ކަމުގައި މެނުވީ ނުވެއެވެ". ކުރިމަތިވާ ޙާލަތަށް ރިޢާޔަތްކޮށް، މުދާ ވިއްކުމުގައި އެންމެންނަށް ވެސް އެ ތަކެތި ފޯރުކޮށްދިނުމުގެ މާތް މަޤްޞަދުގައި މުދާ ވިއްކުން ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި މުދާ އިޙްތިކާރުކޮށް، ފަހުން އަގުބޮޑުކޮށް ވިއްކުމަށް ޓަކައި ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި މިފަދަ ދަނޑިވަޅުތަކުގައި އަނެކާގެ ޙާލަތާ މެދު ވިސްނައި ޢަދުލުވެރިކަމާއި އިޙްސާންތެރިކަން އިސްކުރާން ވާނެއެވެ. އުޚުއްވަތްތެރިކަން އިސްކޮށް އެކަކު އަނެކަކަށް އެހީތެރިވުން އިޤްތިޞާދީ ދަތިކަމެއް އަންނައިރު މުޖުތަމަޢުގައި ތިބޭ ނިކަމެތިންނަށް ކުރާ އަސަރު ބޮޑުވާނެއެވެ. މިފަދަ ވަގުތުތަކުގައި އެކަކު އަނެއްކަކަށް އެހީތެރިވުމަކީ މާތްﷲގެ ރަޙްމަތް ލިބޭނެ ކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. "އަޅަކު އޭނާގެ އަޚާއަށް އެހީތެރިވުން މަތީގައި ދެމިހުރިހާ ހިނދަކު، މާތްﷲ އެ އަޅާއަށް އެހީތެރިވެވޮޑިގެންވެއެވެ" (ޞަޙީޙު މުސްލިމް، 2699). އެހެންކަމުން، މިފަދަ ދަނޑިވަޅުތަކުގައި ތިމާގެ އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި އަދި މުޖުތަމަޢުގައި ތިބޭ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ހާލު ބަލައި، އެމީހުންނަށް އޯގާތެރިވުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. ތަވައްކަލުކުރުމާއި ދުޢާކުރުން ދަތިކަމާއި ތަނަވަސްކަމުގެ ހާލަތުގައިވެސް ﷲ ގެ ނިޢުމަތްތަކާ މެދު ފިކުރުކޮށް އެކަލާނގެ އަށް ތަވައްކަލު ކޮށް ދުޢާ ކުރާންވާނެއެވެ. އެ އިލާހުގެ ނިޔާފުޅަށް ރުހުމާއެކު، ސަބަބުތަކުގައި ހިފައިގެން ދިރިއުޅުން ކުރިއަށް ގެންދިއުމަށް ޓަކައި މަސައްކަތް ކުރާންޖެހޭނެއެވެ. މުއުމިނުންނަކީ އަޖައިބެއްފަދަ ބައެއްކަމުގައި ބަޔާންކުރައްވައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "މުއުމިނާގެ ކަންތައްތަކުގެ އަޖައިބުކަމާއެވެ! ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމަކީވެސް އޭނާއަށް އޮތް ހެޔޮކަމެކެވެ. އަދި މުއުމިނަކަށް މެނުވީ މިކަން މިފަދައަކުން ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ކުރިމަތިވެއްޖެނަމަ، އޭނާ ޝުކުރުވެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައިވެއެވެ. އަދި އޭނާއަށް ދަތިކަމެއް ކުރިމަތިވެއްޖެނަމަ، އޭނާ ކެތްތެރިވެއެވެ. ފަހެ، އެކަންވެސް އޭނާއަށް ހެޔޮކަމެއް ކަމުގައިވެއެވެ" (ޞަޙީޙު މުސްލިމް، 2999). ދުނިޔެއަށް ކުރިމަތިވާ ކޮންމެ ބަދަލަކީ އަހުރެމެންގެ އީމާންތެރިކަމާއި ރޭވުންތެރިކަން އިމްތިޙާނު ކުރެވޭނެ ވަގުތެކެވެ. އެހެންކަމުން، ދީނީ އިރުޝާދުތަކާ އެއްގޮތަށް އިސްރާފު ކުޑަކޮށް، ފަހަށް ރައްކާކޮށް، އަދި އެކަކު އަނެކަކަށް އެހީތެރިވެގެން މެނުވީ މިފަދަ ދަތި ޙާލަތްތަކުން އަރައިގަންނާން އުނދަގޫވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ