އަލީ ލަރިޖާނީ އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން ބުނެފި

އީރާނުގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ އެއް ލީޑަރު އަދި އީރާން ސުޕްރީމް ނެޝަނަލް ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލައިފި ކަމަށް، އިޒްރޭލުން މިއަދު ބުނެފި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓުޒް ބުނީ ލަރިޖާނީ އަވަހާރަވީ ރޭ ދިން ހަމަލާތަކެއްގައި ކަމަށެވެ. ނަމަވެސް އީރާނުން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ލަރިޖާނީއަކީ އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދޭން ފެށި ފުރަތަމަ ދުވަހު އަވަހާރަކޮށްލި ރޫހާނީ ލީޑަރު އަލީ ހާމަނާއީގެ ވަރަށް އަރިސް އަދި އެހާމެ އިތުބާރުކުރެއްވި ބޭފުޅެކެވެ.
މިދިއަ އަހަރު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ކަންކަމަށް ތަރުތީބުކުރުމުގެ ޒިންމާ އޭނާއާ ހަވާލުކުރި އެވެ. ކުރިން ރިވޮލިއުޝަނަރީ ގާޑުގެ އެންމެ އިސް ވެރިޔާގެ މަގާމު ފުރުއްވި ލަރިޖާނީ ވަނީ އީރާނުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން 2008 އިން 2020އަށް އަދާކުރައްވައިފަ އެވެ.
އާންމުންގެ ތެރެއިން އެންމެ ފަހުން އޭނާ ފެނުނީ މިދިއަ ހުކުރުދުވަހު ފާހަގަކުރި ގުދުސް ޑޭގަ އެވެ. ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ގުދުސް ޑޭގައި އީރާނުގެ ބައެއް ވެރިންނާ އެކު އޭނާ ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
އިޒްރޭލުގެ މީޑިއާއިން ބުނާ ގޮތުގައި ލަރިޖާނީ އަވަހާރަކޮށްލީ އޭނާގެ ދަރިކަލަކާ އެކު އެޕާޓްމަންޓެއްގައި އުޅުއްވަނިކޮށެވެ.
އީރާނުގެ ދެ މީޑިއާއަކުން ބުނަނީ ލަރިޖާނީގެ މެސެޖެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ